އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ބާއްވަން އުޅުނު ދުވުމަކަށް ހުއްދަ ނުދިން ކަމަށް ބުނެ، މިނިވަން ދުވަހާ ދިމާކޮށް މިމަހުގެ 25 ވަނަ ދުވަހު މާލޭގައި އެ އެއްވުން ބާއްވަން އެމްޑީޕީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ މައި އިދިކޮޅު ޕާޓީ، އެމްޑީޕީއަށް މިދިޔަ މަހު ވަނީ 20 އަހަރު ފުރިފަ އެވެ. އެކަން ފާހަގަކުރަން މުޅި އަހަރަށް ދެމިގެންދާ ގޮތަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ޕާޓީން އޮތީ ނިންމާފަ އެވެ. އެ ހަރަކާތްތަކުގެ ތެރޭގައި މިމަހުގެ 18 ވަނަ ދުވަހު 'ރަން ރީނދޫ'ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ދުވުމެއް ވެސް ހިމެނެ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި އަދި އެ ޕާޓީގެ ލީގަލް ކޮމިޓީގެ މެމްބަރު އައިކް އަހުމަދު އީސާ ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވަން އުޅުނު އެ ދުވުން ކުރިއަށް ގެންދަން ނިންމާފައި އޮތީ ހުޅުމާލޭގައި ކަމަށެވެ. އެކަމަކު އެއީ ސިޔާސީ ހަރަކާތެއް ކަމަށް ބުނެ، އެ ދުވުން ބާއްވަން އެޗްޑީސީން ހުއްދަދީފައި ނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އެއީ ސިޔާސީ ހަރަކާތެއް ނޫންކަން ފާހަގަކުރައްވައި އެކަމަށް ދެ ފަހަރެއްގެ މަތިން އެދުމުން ވެސް ހަމައެކަނި ދިން ސަރަހައްދަކީ ހުުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަަހައްދު ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"26ވަނަ ދުވަހަކީ މިނިވަން ދުވަސް ކަމަށް ވެފައި، ރާއްޖޭގެ ކައިރި ހުރިހާ ތަންތަނަކުން މެހުމާނުން ގެންނަވައިގެން މިނިވަން ދުވަސް ފާހަގަކުރަން އުޅުއްވާއިރު، 18 ވަނަ ދުވަހު އަޅުގަނޑުމެން ބާއްވަން އުޅޭ ދުވުމަށް ހުރަސް އަޅާ ކަމަށް ވަންޏާ އަޅުގަނޑުމެން މި ނިންމަނީ، އަޅުގަނޑުމެންނަށް މިނިވަންކަން އޮތް މިންވަރު ބަލާލަން މާލޭ މަޖީދީމަގުގައި 25 ވަނަ ދުވަހު މި ދުވުން ދުވަން. އެނގިދާނެތާ އެ މީހުން ކުރާ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެކަމާ ގުޅިގެން ކޮންމެ ފިޔަވަޅެއް އެޅިޔަސް އެންމެ ރަނގަޅު ކަމަށާއި، ޖެހިލުން ވެސް ނުވާ ކަމަށެވެ. މާރިޔާ ވަނީ އެ ދުވުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު ދެއްވާފަ އެވެ. މި ދުވުން އޮންނާނީ ހަވީރު 4 އިން 6 އަށެވެ.
ހަސަން ލަތީފު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 'ރަން ރީދޫ' ނަމުގައި ބާއްވާ މި ދުވުމަކީ އެމްޑީޕީގެ 20 އަހަރު ރަމްޒުކޮށްދޭ ދަންމަރަކާ އެކު މާލޭގައި ދުވުމަށް ފަހު، އެ ދަންމަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ގެންދަން ފަށާ ހަރާކާތެއް ކަމަށެވެ. އެގޮތުން، 25 ވަނަ ދުވަހު މާލޭގައި ބާއްވާ ހަރަކާތުގައި ވެސް އެ ދަންމަރު އުފުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއަށް ފަހު، އަންނަ އޭޕްރީލުގެ ނިޔަލަށް އެ ދަންމަރު ރާއްޖޭގެ ހުރިހާ ރަށަކަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
އެމްޑީޕީގެ 20 އަަހަރު ފާހަގަކުރަން ބާއްވާ ދުވުމަށް 'ހުރަސް އަޅާތީ' މާލޭގައި އެއްވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ