އޮސްޓްރޭލިއާގައި ކުޑަކުދިންނަށް ޔޫޓިއުބް މަނާކުރަން ނިންމައިފި

އިންޓަނެޓްގެ ޒަރީއާއިން ފެތުރޭ އަދި ފަރުތާ މައުލޫމާތުން އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ބޮޑުވަމުން ދާއިރު، އޮސްޓްރޭލިއާ އިން ނަމޫނާ ދައްކައި މުހިންމު ފިޔަވަޅުތަކެއް އަޅަމުން އެބަގެންދެއެވެ.
ދުނިޔޭގައި އެންމެ ފުރަތަމަ ކުޑަކުދިންނަށް ޔޫޓިއުބް މަނާކުރާ ގައުމެއްގެ ގޮތުގައި އޮސްޓްރޭލިއާ އިން މުހިންމު ފިޔަވަޅެއް އަޅާފައި ވާއިރު އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުގައި ދެން އެކައުންޓެއް ނެހެދޭނެއެވެ.
އަލަށް މި އެޅި ފިޔަވަޅާއެކު، އުމުރުފުރާއާ ގުޅޭ ޔޫޓިއުބް ވީޑިއޯ ފެނުނު ނަމަވެސް އެކައުންޓް ހަދާ ވީޑިއޯ އަޕްލޯޑް ކުރުމުގެ ފުރުސަތު ބަންދުވާނެއެވެ.
މި ނިންމުމާ ގުޅިގެން ޔޫޓިއުބް ހިންގާ މައި ކުންފުނި، ގޫގްލް އިން ވަނީ ކަނބޮޑުވުން ފާޅުކޮށް ޔޫޓިއުބަކީ ސޯޝަލްމީޑިއާ އެއް ނޫން ކަމަށް ބުނެފައެވެ. އަދި ޔޫޓިއުބުގައި ކުޑަކުދިންނާ ގުޅޭ ގިނަ މައުލޫމާތު ހުންނާނެ ކަމަށާއި އެއީ ގިނަ ހުނަރުތައްވެސް ދަސްވާ ޕްލެފޯމެއް ކަމަށް ބުނެފައެވެ.
އޮސްޓްރޭލިއާ ނަމޫނާއަކަށް ބަލައި ނޯވޭއާއި އިނގިރޭސިވިލާތުން ދަނީ އޮސްޓްރޭލިއާ އާ އެއްފަދަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރު ވަމުންނެވެ.
އޮސްޓްރޭލިއާގައި އަމަލު ކުރުމަށް ތާއްޔާރުވަމުން އަންނަ އޮންލައިން ސޭފްޓީ އެމެންޑްމެންޓް އެކްޓް ނުވަތަ ސޯޝަލްމީޑިއާ ބޭނުން ކުރެވޭ އެންމެ ހަގު އުމުރު ކަނޑައަޅާ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ޑިސެމްބަރުން ފެށިގެންނެވެ.
އެ ގާނޫނު ފާސްވުމާއެކު ފޭސްބްކް، ޓިކްޓޮކް، އިންސްޓަގްރާމް އަދި އެކްސް އާއި ސްނެޕްޗެޓްގެ އިތުރުން ރެޑިޓް ފަދަ ޕްލެޓްފޯމްތައް ވެސް 16 އަހަރުން ދަށަށް ލިބޭނީ ހިފެހެއްޓުންތަކަކާ އެކުގައެވެ. އެކައުންޓް ހަދާ، ބޭނުންހާ ކޮންޓެންޓެއް ހިއްސާ ކުރުމުގެ ފުރުސަތެއް ދެން ނުދޭނެއެވެ.
އޮސްޓްރޭލިއާއިން މި އެޅި މުހިންމު ފިޔަވަޅާއެކު ބޮޑުބަޒީރު އެންތަނީ އަލްބަނީސް ވިދާޅުވީ، ސޯޝަލް މީޑިއާގެ ނުފޫޒާހުރެ އޮސްޓްރޭލިއާގެ ޅަދަރިންގެ މުސްތަގުބަލު ބަނަވަމުން ދާ ކަމަށާއި އިޖުތިމާއީ ފޭރާން ހަލާކުވަމުން ދާ ކަމަށެވެ. އެހެންކަމުން ސަރުކާރުން މ ފިޔަވަޅު އަޅަނީ އޮސްޓްރޭލިއާގެ މުސްތަގުބަލު ސަލާމަތް ކުރަން ކަމަށާއި އެކަން ކުރުމުގައި ބެލެނިވެރިންނާއެކު ސަރުކާރު ދެމިއޮންނާނެ ކަން ރައްޔިތުން ގަބޫލު ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ، ސޯޝަލްމީޑިއާ މަނާ ކުރުން ނުވަތަ އިންތަނެއް ކަނޑައެޅުމަކީ ހަމައެކަނި ހައްލު ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެކަމުން ހެޔޮ ބަދަލެއް ފެންނާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ އީ ސޭފްޓީ ކޮމިޝަނަރު ޖޫލީ އިންމާން ގްރާންޓް ވިދާޅުވީ، ތަފާސްހިސާބުތަކަށް ބަލާއިރު ޔޫޓިއުބަކީ އެންމެ ގިނައިން ބަލާ އެއް ޕްލެޓްފޯމް ކަމަށާއި އުމުރުން 10-15 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އެމީހުންގެ އުމުރާ ނުގުޅޭ މަންޒަރާއި އަޑު ފެންނަލެއް ގިނަ ކަމަށެވެ.
އޮސްޓްރޭލިއާގެ ބައެއް މީޑިއާތަކުން ބުނީ، ސަރުކާރުން އަޅާ މިފިޔަވަޅާ ގުޅިގެން ގޫގްލް އިން ސަރުކާރާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެ އިންޒާރު ދެމުން ގެންދާ ކަމަށެވެ. ނަމަވެސް އެވާހަކަތަކަށް ގޫގްލް އިން ރައްދެއް ނުދީ ބުނެފައި ވަނީ، އެ ކުންފުނިން އޮސްޓްރޭލިއާގެ ސަރުކާރާ ވާހަކަ ދައްކާނެ ކަމަށެވެ.
މި ބަދަލާ ގުޅިގެން ވާހަކަ ދައްކަވަމުން އޮސްޓްރޭލިއާގެ ފެޑެރަލް ކޮމިއުކޭޝަން މިނިސްޓަރު އަނީކާ ވެލްސް ވިދާޅުވީ، ސޯޝަލްމީޑިއާ އަށް އަބަދުވެސް ޖާގަ އޮންނާނެ ކަމަށާއި ޖާގަ ނޯންނާނީ ކުޑަކުދިންގެ ސިކުނޑިތަކާ ކުޅެލުމަށް ގަސްދުގައި އެ ކުދިންނަށް އަމާޒުކުރުމަށް ބޭނުންކުރާ އެލަގޮރިދަމް އަށެވެ. އެލަގޮރިދަމް އަކީ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރާ ފަރާތްތަކުގެ ޝައުގުވެރިކަން އެ ޕްލެޓްފޯމްތަކަށް އަތުލުމަށް އެ ޕްލެޓްފޯމްތައް ޑިޒައިން ކޮށްފައި ހުންނަ ގޮތެވެ. މިސާލަކަށް އެއްޗެއް ކައްކާނަމަ އޭގެ ރެސިޕީއެވެ. ރަހަ މީރު ކުރުމަށް އަޅާ ތަކެތި ފަދައިން ސޯޝަލްމީޑިއާ ބޭނުން ކުރާ އިރު އެމީހަކު އެއިން ބޭނުންވާ ކަމެއް ލިޔެ ނުވަތަ ޓައިޕް ކުރެއެވެ. އެއާއެކު ނަތީޖާ ނެރެދޭން އެދެއެވެ. އެއީ ކެއްކި 'ރިހަ ގަނޑު' ގެ މީރު ރަހަ ފަދައިން ތިމާ ބޭނުންވާ މަންޒަރު ނުވަތަ މައުލޫމާތެވެ.
އެ މައުލޫމާތު އެ ނިޒާމުގެ ތެރެއިން އެ ޕްލެޓްފޯމްތަކުން ދެނެގަނެއެވެ. އެއާއެކު އާދަވެ އެ ޕްލެޓްފޯމްތަކުން އެމީހަކަށް އެފަދަ މައުލޫމާތު ފޯރުކޮށްދެމުން ގެންދެއެވެ. ދެވި ހިފަނީ އެހެން ގޮހެވެ.
މި މިސާލުތަކާއެކު އަނީކާ ވިދާޅުވީ، ސޯޝަލްމީޑިއާގެ މިސާލަކީ، މިޔަރުފަދަ ނުރައްކާތެރި މަސް އުޅޭ އޮޔަ ބާރު ކަނޑެއްގައި ތިމާގެ ދަރިއަށް ފަތަން ދަސްކޮށްދޭން އުޅުމާއި އާންމުންނަށް އެރެވޭ ގޮތަށް މުޖުތަމައުގެ ތެރޭގައި ހަދާފައި ހުންނަ ޕޫލަކަށް އެރުވުން ފަދަ ކަމެއް ކަމަށެވެ.
މި އާ ގާނޫނުގެ ދަށުން ގޭމްތަކާއި ތައުލީމީ އެޕްތަކާއި މެސެޖް ކުރުމަށް ބޭނުން ކުރާ އެޕްތައް ހުއްދައެވެ.
މި ބަދަލާއެކު، އިޖުތިމާއީ ފޭރާން ރަނގަޅުވުމުގެ ހެޔޮ މަގަށް އޮސްޓްރޭލިއާ މިސްރާބު ޖަހާފައި ވާއިރު، ގާނޫނާ ހިލާފުވާނަމަ ހިލާފުވާ ނިސްބަތަކުން 32.5 މިލިއަން ޑޮލަރާ ހަމައަށް އެބަޔަކު ޖޫރިމަނާ ކުރުމުގެ ބާރުވެސް ލިބިދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ