އެންމެ މީހަކަށްވެސް އެންމެ މުހިންމު ކަމަކަށްވާނީ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ 4 މީހަކުވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މި ބަޔާންކުރަނީ އެ 4 ބާވަތުގެ މީހުންގެ ސިފައެވެ.
މި 4 ސިފައިންކުރެ ސިފައެއް ތިމާގެ ކިބައިގައި ހަރުލެއްވޭތޯ ބަލާށެވެ! އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ! އެމީހާއަށް ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެއެވެ! އިން ޝާ ﷲ . ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެ މީހަކަށް މަދުވާނެ އެއްވެސް ނިޢްމަތެއް ނުއޮންނާނެއެވެ!
ފުރަތަމަ މީހަކީ "ﷲ ތައާލާއަށްޓަކައި އެހެން މީހަކު ދެކެ ލޯބިވާ މީހެކެވެ." އެއްވެސް މީހަކު ﷲ ތައާލާއަށްޓަކައި މީހަކު ދެކެ ލޯބިވެއްޖެ ނަމަ އެމީހަކު ދެކެ ލޯބިވެވޮޑިގަތުން ﷲ ތައާލާ ވަނީ އެކަލާނގެ ޛާތުފުޅަށް ވާޖިބު ކުރައްވަވައިފައެވެ.
މިޙަދީޘްފުޅުގައި މިވަނީ ތަޤްވާވެރިންގެ ވާހަކައެވެ. ހެޔޮ އަމަލުތައް ކުރާ މީހުންގެ ވާހަކައެވެ. އެފަދަ މީހުން ދެކެ ލޯބިވުމުގެ ވާހަކައެވެ. ހަމައެއާއިއެކު އެއްވެސް މީހެއްގެ ކިބައިން ލިބޭ ނުވަތަ ލިބިދޭނެ ފައިދާއަކަށްޓަކައި ލޯބިވުމުގެ ވާހަކައެއް ނޫނެވެ. ހިތުގެ ޚާލިޞްކަމާއިއެކު ﷲ ތައާލާއަށްޓަކައި ހެޔޮލަފާ، ތަޤްވާވެރިއަކު ދެކެ ލޯބިވުމުގެ ވާހަކައެވެ.
ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ ދެވަނަ މީހަކީ ﷲ ތަޢާލާއަށްޓަކައި މަޖިލިސް ކުރާ މީހުންނެވެ.
މިއީ ސިޔާސީ ބައްދަލުވުންތަކެއް ނޫނެވެ. ވިޔަފާރީގެ ބައްދަލުވުންތަކެއް ނޫނެވެ. އަދި އިޖުތިމާޢީ ބައްދަލުވުންތަކެއްވެސް ނޫނެވެ. ﷲ ތައާލާއަށް ޚާއްޞަކޮށްގެން މަޖިލިސްކުރާ މީހުންނެވެ.
ބުނެވޭގޮތުން ޢުމަރުގެފާނުގެ ވެރިކަމުގައިވެސް ޢުމަރު ބިން ޢަބްދުލަޢަޒީޒްގެ ވެރިކަމުގައިވެސް ދައުލަތުގެ މަސައްކަތްތައް ނިންމަވައިލެއްވެވުމަށްފަހު ހެޔޮލަފާ މީހުން އެއްކުރައްވައި މަޖިލިސް ކުރެއްވެވިއެވެ. ﷲ ތައާލާގެ މަތިން ހަނދުމަފުޅުކުރެއްވެވުމަށެވެ. ﷲ ތާޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވާ ބއަކީ އެފަދަ މަޖިލިސްތައް ކުރާ މީހުންނެވެ.
ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ 3 ވަނަ މީހަކީ ﷲ ތަޢާލާއަށްޓަކައި މީހުންނާއި ބައްދަލުކުރާ މީހެކެވެ. އެމީހާގެ ހިތުގައި ދުނިޔޭގެ އެއްވެސް އެދުމެއް އަނެކާގެ ކިބައިން ލިބުމަށް އޮވެގެން ނުވާނެއެވެ. ބައްދަލުކޮށް ޙާލުބަލައި ހަދަން ޖެހޭނީ ﷲ ތައާލާއަށްޓަކައެވެ. ﷲ ތައާލާއަށް ލޯބިންނެވެ.
ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ 4 ވަނަ މީހަކީ ﷲ ތަޢާލާއަށްޓަކައި ހޭދަކުރާ މީހުންނެވެ.
މިބައިގައި ހިމެނެނީ ހަމައެކަނި ފައިސާ އާއި މުދަލުން ހޭދަކުރާ މީހުންނެއް ނޫނެވެ. އެމީހާގެ ވަގުތު ހޭދަކުރާ މީހުންވެސް ހިމެނެއެވެ. ﷲ ތައާލާއަށް ލޯބިން މީހަކަށްޓަކައި ކުޑަކުޑަ ކަމެއް ކޮށްލައިދޭ މީހާގެ މުހިންމުކަން މިސްކިތުގައި އިޢްތިކާފަށް އިންނަ މީހާއަށްވުރެ މާ ބޮޑުކަމަށް ރަސޫލް (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅު މިކަމުގެ ދަލީލަކަށް ފުދެއެވެ.
--ޝައިޚް ސަޢީދު ރާޣެ ގެ ދަރުސަކުން
މި 4 ސިފަ ލިބިއޖެނަމަ ﷲ ތައާލާގެ ލޯބިވެވޮޑިގަތން އެމީހަކަށްވާކަން ޙަދީޘްފުޅުން އެނގެން އެބައޮތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ