އެމްއެމްޕީއާރުސީއަށް ހަރަދު ކުޑަކުރަން އަންގަން މަޖިލީހުން ފާސްކޮށްފި
ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ ދުނިޔެއަށް އިޝްތިހާރުކުރާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚަރަދުތައް ކުޑަކޮށް، އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށްވުމަށް އިތުރު ގޮތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ލަފާ ދީފިއެވެ.މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއިން އެ ދެ ކުންފުނީގެ ހާލަތު ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓު މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ތަޅުމުން ފާސްކުރީ 62 ވޯޓުގެ އަގުލަބިއްޔަތުންނެވެ.އެ ރިޕޯޓުގައި މައިގަނޑު ތިން ކަމެއް ވަނީ ކުރަން އަންގާފަ އެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ބަލައި ދިރާސާ ކުރުމަށާއި ހަރަދު ކުޑަކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް ވަނީ އަންގާފަ އެވެ.އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެމްއެމްޕީއާރުސީން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ ޖުމުލަ އަދަދު 25 އަށް އަރާއިރު އެކަންކަމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ލިވަޕޫލަށެވެ. މި އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން, 2028 ވަނަ އަހަރުގެ މެއި 31ގެ ނިޔަލަށް އެ ކެމްޕެއިން ކުރިއަށް ގެންދާއިރު އެކަމަށް އެމްއެމްޕީއާރުސީން މި އަހަރު 20.6 މިލިއަން ރުފިޔާ ޚަރަދުކުރަން ހިމަނާފައިވެއެވެ.އެމްއެމްޕީއާރުސީން ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 އިން މެއި އެއްވަނަ ދުވަހަށް ދުބާއީގައި ކުރިއަށް ގެންދިޔަ އަރަބިއަން ޓްރެވަލް މާކެޓަށެވެ. އެ ކަމަށް ވަނީ 17.6 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ތިންވަނައަށް ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ ލިވަޕޫލާ އެކު ކުރިއަށް ގެންދާ ޕާޓްނާޝިޕްގެ ތެރެއިން ކުރިއަށް ގެންދާ "އޯއޯއެޗު ކެމްޕެއިން ވިތު އެކްސައިޓް" އަށެވެ. އެއީ، 2.5 މިލިއަން ރުފިޔާއެވެ.އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ މައި އިގުތިސާދީ ސިނާއަތް ކަމަށްވާ ފަތުރުވެރިކަން ކުރިއަރުވައި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ.ރިޕޯޓުގައި ބުނެފައިވާ ގޮތުން ނަމަ 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް އެއްވެސް ފައިދާއެއް ލިބިފައެއް ނުވެއެވެ. އަދި، ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާއެއް ވެސް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ