ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، ކުރިން ނެތް ޝަރުތަކާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން މަޖުބޫރު ކުރުވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ހުށަހެޅީ މިކަމާ ގުޅިގެން މަޖިލީހުގައި ބަހުސްކުރުމަށެވެ. ކުއްލި މައްސަލަ ބަލައިގަންނަން ނެގި ވޯޓުގައި މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލަން 34 މެންބަރަކު ވޯޓު ދެއްވި އެވެ.
އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމެވެ.
ނަމަވެސް މި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގައި އޮންނަނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް ނުވަތަ ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން އެއް ރަޖިސްޓަރީ ކޮށްފައިވާނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާ ނުލައި އެތަނެއް ދޫކޮށްލަންޖެހޭނެ ކަމަށެވެ.
ސަރުކާރުން ބުނަނީ މިއީ ގާނޫނީ ފުށޫއެރުމެއް އޮތުމުން ގެނައި ބަދަލެއް ކަމަށެވެ.
އަލަށް އެކުލަވާލި އެއްބަސްވުންތައް ބަލައިނުގަންނަ ކަމަށާއި އެ އެއްބަސްވުންތަކުގައި ގޯތި ލިބުނު މީހުން ސޮއިނުކުރަން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން އިއްޔެ ވަނީ އެދިފަ އެވެ. އެއްބަސްވުމެއްގައި ސޮއިކުރާނީ ކުރިން އޮތް ގޮތަށް ބަދަލުކުރުމުން ކަަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
ކުރިން ނެތް ޝަރުތަކާއެކު ގުޅީފަޅު ގޯތިތަކުގެ އާ އެއްބަސްވުން ހަދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި ކުރިން ނެތް ޝަރުތަކާއެކު ގުޅީފަޅު ގޯތިތަކުގެ އާ އެއްބަސްވުން ހަދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ