ގައުމު މި ހާލަތަށް ވައްޓާލުމަށް ފަހު މިހާރު އުޅޭނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލަން: މަޓޭ ގައުމު މި ހާލަތަށް ވައްޓާލުމަށް ފަހު މިހާރު އުޅޭނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލަން: މަޓޭ

ސަރުކާރުން ގައުމު މި ހާލަތަށް ވައްޓާލުމަށް ފަހު މިހާރު މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލުމަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން މަޓޭ ވަނީ އަސާސީ އެތައް ކަމެއް ރައްޔިތުންނަށް ފުރިހަމަ ނުވެ މިފަދަ ބިލެއް ހުށަހެޅުމުން ފާޑުވިދާޅުވެފަ އެވެ.
"ކޮން ކަމެއްތޯ ކުރަން މި އުޅެނީ. އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މި ހާލަތަށް ވައްޓާލާފައި، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގުކޮށްލަން އަޅުގަނޑުމެން މި އުޅެނީ. މިއީ ކޮން ކަމެއްތޯ؟ ކޮން ކަހަލަ ރަސްގެފާނެއް އައިސްގެންތޯ؟ އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ނުފުދި މުޅި ގައުމު އޮޔާ ގޮސްފައި މިއޮތީ،" މަޓޭ ވިދާޅުވި އެވެ.
ޑޮލަރުގެ އަގު ވެސް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ރާއްޖޭގެ އިގުތިސޯދު އޮތީ ކަންބޮޑުވާ ހާލަތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން އެ ތިބީ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މަތިވެގެން، ފިހާރަތަކަށް ވިކުރާ ޖަހައި ދަރަނިވެރިވެފައި. ރައްޔިތުން އެ ތިބީ އަސާސީ ބޭސްކޮޅެއް ނުލިބިގެން، އާސަންދަ ނުލިބިގެން ސަލާން ޖަހަން. ކޮންމެ ދުވަހަކު ގުޅަނީ ބޭސް ސިޓީއަށް ބޭސް ނުލިބިގެން. މިއީތޯ ކުރަން ފެނުނު އެންމެ މުހިންމު ކަމަކީ މިވަގުތު. މިއަށް ވުރެ ޒިންމާދާރުވާން ޖެހޭ،" މަޓޭ ވިދާޅުވި އެވެ.
ރައްޔިތުންނާ ދޭތެރޭ ސަރުކާރުން ވިސްނަން ޖެހޭ ކަމަށާއި ފެށިފައި ހުރި ހުރިހާ މަޝްރޫއުއެއް މިހާރު ހުރީ ހުއްޓިފައި ކަމަށް މަޓޭ ވިދާޅުވި އެވެ. މިފަދަ ކަމެއްގައި މަޖިލިސް މަސްއޫލުވުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރަން މި އުޅޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ އުމުރު ދެ ދައުރަށް ދަންމާލުމާއި، އަނެއްކާ ރައީސުލްޖުމްހޫރިއްޔާ ބޭނުންވެގެން ހަރަދު ކުޑަކުރުމުގެ ނިޔަތުގައި އިންތިހާބުތައް އެއްކޮށްލުމާ، މިކަންކަން ކުރުމުގެ މަސައްކަތުގައި މަޖިލިސް ބިޒީ ވެގެން އުޅެން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
ނިމިފައި ހުރި ޕްރޮޖެކްޓުތަކުން ވެސް ރައްޔިތުންނަށް ހިދުމަތް ލިބެމުން ނުދާ ކަމަށް ވިދާޅުވެ މަޓޭ ވަނީ އޭނާގެ ދާއިރާގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމިފައި ހުއްޓަސް އޭގެ ފައިދާ ރައްޔިތުންނަށް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.
"މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު 50،000 ރުފިޔާ ދީގެން މަޖިލިސް ކޮންޓްރޯލް ކޮށްގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަކަށް މުޅި ގާނޫނުތަކާއި ނިޒާމު ބަދަލުކުރަން މި ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ. ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށް ނުދީ މި ކޮން ސަކަރާތެއްތޯ މި ޖަހަނީ،" ނުރުހުން ފާޅުކުރައްވައި މަޓޭ ވިދާޅުވި އެވެ.
މި ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުން ވަނީ ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން ފާހަގަކުރައްވާފަ އެވެ.
ސަރުކާރަށް ތާއީދުކުރާ މެންބަރުން ބުނަނީ މިއީ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ވުޖޫދަށް އަންނަން ޖެހޭ ގާނޫނެއް ކަމަށް ވެސް ޕީއެންސީގެ މެންބަރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ