ރައްޔިތުންގެ ނިންމުން، ރައްޔިތުން ނިންމާ ގޮތަކަށް ގެނެސްދޭނަން: ފުއާދު

މިއަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމާ ނިންމުން، އެ ނިންމާ ގޮތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގެނެސްދޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ފުއާދު ވަނީ ރިޔާސީ އިންތިހާބު އަމާންކަމާއި އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ.
ފުއާދު ފާހަގަކުރެއްވި ގޮތުގައި އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް ގެނެސްދިނުމަށް އެ ކޮމިޝަނަށް ނުފޫޒެއް ނުފޯރުވޭނެއެވެ. އަދި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުން ނިންމާ ނިންމުން ގެނެސްދެއްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު ގެނެސްދޭން. ރައްޔިތުން ވޯޓުގެ ތެދު ނަތީޖާ ގެނެސްދޭން،” އީސީގެ ރައީސް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ޖެހޭނެ ވަކި އެއްވެސް ފަރާތެއް ނޯންނާނެ ކަމަށާއި އަދި އެ ކޮމިޝަނުގެ މެންބަރުންނަށް ނުފޫޒެއް ފޯރުވިދާނެ ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށް ފުއާދު ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 15ވަނަ ދުވަހު އިލެކްޝަންސް އިން ވަނީ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު އިއުލާނު ކޮށްފައެވެ. އެއީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހެވެ.
ފުއާދު ތައުފީގު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާއިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ދެވަނަ ބުރު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ފުއާދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. އެގޮތުން ޖުލައި މަހުގެ 23ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 3ވަނަ ދުވަހާއި ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވު ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރުމަށް އޮގަސްޓު 10 އިން ސެޕްޓެމްބަރު 8އާ ހަމައަށް ވަގުތު ދެވޭނެ ކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ