ގާސިމް ވިދާޅުވަނީ ކަމެއް ކާމިޔާބުކުރެވޭނީ ވީހާވެސް ގިނަބަޔަކާއެކު ކަމަށް: ސައުދު

ރިޔާސީ އިންތިޚާބު 2023 ގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ގޮންޖެހުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވުމުން، ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ރައްދުދެއްވައިފިއެވެ.
ސައުދު ވިދާޅުވީ "އޯވާ ކޮންފިޑެންސް"އަކީ މީހާ ހަލާކުކޮށްލާ ކަމެއް ކަމަށާއި ކަމެއް ކާމިޔާބުކުރެވޭނީ ވީހާވެސް ގިނަބަޔަކާއެކު ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަބަދުވެސް ވިދާޅުވާ ކަމަށެވެ. މިމޭރުމުން މިއުވާންއަށް ރައްދުދެއްވައި، ސައުދުވަނީ ހުރިހާ ބޭފުޅުންނަށްވެސް ޖޭޕީއަށް މަރުހަބާ ކަމަށް ވިދާޅުވެފައެވެ.
ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަނީ ހަލަބޮލިވެފައެވެ. މިކަމާއި ގުޅުވައިގެން އެކި ބޭފުޅުން އެކި ގޮތްގޮތަށް އެތައް ވާހަކައެއް އަންނަނީ ދައްކަވަމުންނެވެ.
ޖޭޕީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ފާސްކުރީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައި ވާދަކޮށް އިންތިހާބު ކާމިޔާބުކުރި ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވީ ގާސިމް އިބްރާހިމްގެ އެހީއާއި މަދާދާއެކުގައެވެ. މިގޮތުން ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމުން ފެށިގެން ރައްޔިތުންގެ ވޯޓުން ވުޖޫދުކުރި ކޮންމެ ސަރުކާރަކީވެސް ޖޭޕީއާއެކު އިއްތިހާދުވެގެން ނުވަތަ ކޯލިޝަން ހަދައިގެން އުފެއްދި ސަރުކާރެކެވެ.
ވެރިކަމަށް ހޮވޭ ޕާޓީއާއެކު އެޕާޓީން ކޯލިޝަން ހަދަނީ އެއްބަސްވުންތަކެއްވެ، އިޤުރާރުތަކެއްވެ، ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކާއި އަސާސްތައް ތަންފީޒުކުރުމުގެ މަގު، ފަހިކުރުމަށް ސަރުކާރުގެ ތެރެއިން ކަނޑައެޅި، އެއްބަސްވެވި ހިއްސާއެއް އޮންނަގޮތަށް ކަމުގައިވިޔަސް، ވެރިކަމާއި އާރާއި ބާރު ލިބުމުން އެ އަހުދުތައް މަތިން ހަނދާންނައްތާލައި، ޕާޓީ ނިކަމެތިކޮށްލައެވެ.
އެހެންކަމުން، ޖޭޕީން މިފަހަރު ނިންމީ، އެޕާޓީގެ ކެންޑިޑޭޓަކު ގިނިކަންޏާ ވާދަކުރުމަށް ނުވަތަ އެޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކާއެކު އިންތިހާބުގައި ވާދަކުރާށެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގެ 49 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ފާޓީގެ ހުރިހާ މެންބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުންނެވެ. އެހެންކަމުން، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާތުވަނީ ފުރުސަތު ހުޅުވާލާފައެވެ.
ޖޭޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން ހާމަކޮށް އެ ޕާޓީން ކުރި އިއުލާނެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ސައުގުވެރިވާ، އެ ފާޓީގެ ހުރިހާ މެންބަރުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ ސަރުތުތައް ފުރިހަމަވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން އެކަމަށް އެދި ފޮނުވާ ސިޓީއާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި، އެ މީހާގެ ވަނަވަރު މިމަހުގެ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ޖޭޕީގެ މައި އޮފީސް، މ. ކުނޫޒަށް ހުށަހެޅުމަށް ޖޭޕީން ވަނީ އެދިފައެވެ.
ޖުމްހޫރީ ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރެވި، ޕާޓީ ހިންގަމުންދަނީ ރައްޔިތުންނަށް ފުދުންތެރި ލާޒިމު ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ ރައްޔިތުންގެ ޖީބަށް ލުއި، ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. އެ ޕާޓީގެ މާޒީއާއި މިއަދުގެ ދުވެލި ހުރި ގޮތުން ޖޭޕީއަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް، ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ހަކަތަ އާއި ތާއީދުއޮތް ޕާޓީއެއް ކަމަށް ޖޭޕީގެ ގިނަ މެމްބަރުން އިއްތިފާގުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ