އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ބެލޭނެ: ސުޕްރީމް ކޯޓު

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެން ނުވާ ކަމަށް އެ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެން ނުވާކަމަށް 21 މާޗް 2021ގައި އެ ކޯޓުން ހުކުމް ކުރީ، އެމްޑަބްލިއުއެސްސީގެ އޮޑިޓް ރިޕޯޓެއް ހޯދަން އަމިއްލަ ފަރާތަކުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅި މައްސަލައިގައި ކޮމިޝަނަރު ނިންމެވި ގޮތް އެމްޑަބްލިއުއެސްސީއިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ.
ނަމަވެސް، ހައި ކޯޓުން އެގޮތަށް ހުކުމް ކުރީ ގާނޫނުގައި ބޭނުންކޮށްފައިވާ އިބާރާތަކާ ހަވާލާދީ އެވެ. އެ ގާނޫނުގައި ބުނެފައި ވަނީ "އިންފޮމޭޝަން ކޮމިޝަނަރު"ގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. ހައި ކޯޓުން ބުނީ އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއެއް ނޫން ކަމަށާއި އެހެންކަމުން ކޮމިޝަނަރު ނިންމަވާ މައްސަލަތައް އިސްތިއުނާފު ކުރުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.
ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.
އެނގުން މުހިންމު - މި މައްސަލައިގައި ހިމެނޭ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި، އެމްޑަބްލިއުއެސްސީ އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ހައި ކޯޓުގެ ނިންމުން ގާނޫނާ ހިލާފުކަމަށް އިއްތިފާގުވެފަ އެވެ. އަދި ތިން ފަރާތުން ވެސް ވަނީ ސުޕްރީމް ކޯޓުގައި އެކަކު އަނެކަކު ދެއްކި ވާހަކަތަކަށް ތާއީދުކޮށްފަ އެވެ.
ތަފްސީލް - އެ މައްސަލަ ނިންމައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުލިބިގެން އުޅޭ މީހަކަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާއި އިސްތިއުނާފުކުރުމުގެ ހައްގު ގެއްލިގެން ދިއުން ކަމަށެވެ.
"ގާނޫނު އޮތް ތަނުގައި ބާއްވާފައި، މައުލޫމާތު ނުލިބުމުގެ މައްސަލަތައް ދަށު ކޯޓުތަކަށް ހުށަހަޅާ، އެ ކޯޓުތަކުން އެ މައްސަލަތައް ބަލަން ވެއްޖެ ނަމަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބާރު ކެނޑިގެންދާނެ. އަދި އިންފޮމޭޝަން ކޮމިޝަނަރެއް ހުރުމުގެ މަގުސަދާ ވެސް ހިލާފުވާނެ،" ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓުން ބަލައިނުގަތުމުގެ ނަތީޖާއަކަށް ވެގެންދާނީ، ކޮމިޝަނަރުގެ ނިންމުންތައް ނިހާއީވެ، އެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ޝަރުއީ ކޯޓަކުން އެކަމަށް ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އެއްކޮށް ގެއްލިގެން ދިއުން ކަމަށެވެ.
އޭގެ އިތުރުން ދެން ހުކުމްގައި ފާހަގަކުރީ:
މައުލޫމާތު ހޯދާ ލިބިގަތުމާއި އިސްތިއުނާފުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތަކެއްކަން
ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުލިބޭ މައްސަލައެއްގައި، ކޯޓަށް ހުށަހަޅައިގެން އަސާސީ ހައްގެއް ނިގުޅައިގަނެފައިވޭތޯ ބެލުމުގެ މަގު ވެސް ހައި ކޯޓުގެ ނިންމުމުގެ ސަބަބުން އެއްކޮށް ބަންދުވާނެ ކަން
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ އެއް ބަޔަށް އަމަލުކޮށް އަނެއް ބަޔަށް އަމަލުނުކުރުމުގެ ނަތީޖާއަކީ އަސާސީ ހައްގެއް މާނަކުރުމުގަ އާއި ލިބިދިނުމުގައި ކޯޓުގެ އެއްވެސް ދައުރެއް ނެތުންކަން
"އެހެންކަމުން ހައި ކޯޓުގެ ނިންމުމަކީ އަސާސީ ހައްގުތަކެއް ހަނިވާ ފަދައަކުން، ނުވަތަ ނިގުޅިގެންދާ ފަދައަކުން ނިންމާފައިވާ ނިންމުމެއް ކަމަށް އަހުރެންނަށް ބުރަވެވޭ،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ.
ހައި ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ، އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައި ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކަކީ، އެ ކޮމިޝަންގެ ނިންމުންތަކެއްކަން ގާނޫނުން ސާފުވާ ކަމަށެވެ.
ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް އިސްތިއުނާފުކުރުމަށް، ކޮމިޝަނަރު ނުވަތަ ކޮމިޝަނަރުގެ އޮފީސް، ޓްރައިބިއުނަލްއެއްގެ މާނައިގެ ތެރެއަށް ފެތުން ލާޒިމުނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައި ވިދާޅުވި އެވެ.
އެ ރައުޔަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވެސް ތާއީދުކުރެއްވި އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ، އެއީ ހައި ކޯޓަށް ބެލޭނެ މައްސަލައަކަށް ވާތީ، ހައި ކޯޓުގެ ނިންމުން ބާތިލްކަމަށެވެ. އަދި މައްސަލަ އަލުން ބަލަން ހައި ކޯޓަށް ތަހުވީލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ