ކުދި ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ މައްސަލަތައް ކޯޓުން ބޭރުން ނިންމައި، ލުއި އަދަބެއް ދެވޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތް ފަށާފައިވާ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީޖީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަރީއަތްތައް ނުނިމި ލަސްވުމުގެ ސަބަބުން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިހާރު އޮންނަ ގޮތުން، ކުދި ކުދި މައްސަލަތަކުގެ ސަބަބުން "އަސްލު" މައްސަލަތަކަށް އެކަށީގެންވާ ވަގުތު ނުދެވެނީ ކަމަށެވެ.
ތަފްސީލް - ޝަމީމް ވިދާޅުވީ ޝަރީއަތްތައް އަވަސްކުރުމަށް، ކޯޓަށް މާ ގިނަ މައްސަލަ ހުށަނޭޅުމަކީ ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން، ކުދި ކުށްތައް ކޯޓަށް ހުށަނާޅައި އެނޫން މަގަކުން ހައްލު ހޯދޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވާގޮތަކީ ކިތަންމެ ކުޑަ ކުޑަ ވައްކަމުގެ މައްސަލައެއް ވިޔަސް، ކިތަންމެ ކުޑަކުޑަ ފޭރުމުގެ މައްސަލައެއް ވިޔަސް ހަމަ ކޯޓަށް ހުށަހަޅައިގެން ހެކިން ހާޒިރުކޮށްގެން އެ ހުރިހާ ކަމެއް އެބަ ހިނގާ،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީގެ ބަސް - އެ މައްސަލައަށް ހައްލު ހޯދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ރާވާފައިވާ އިސްލާހުތަކާ ގުޅޭ ބައެއް މައުލޫމާތު ވެސް ޕީޖީ އިއްޔެ ދެއްވި އެވެ.
"އެ އިސްލާހުތަކުގެ ތެރޭގައި ކުދި ކުދި މައްސަލަތަކުގައި އިއުތިރާފުވާ މީހުންގެ ބައި ކޯޓަށް ދާނީ އެންމެ ދުވަހަކަށް. ގޮސް ކޯޓުން އަވަހަށް މައްސަލަ ނިމޭގޮތަށް. އަޅުގަނޑުމެންނަށް އަދަބާ މެދު އެއްބަސްވެގެން ކޯޓަށް ހުށަހެޅޭ ގޮތަކަށް އިޖުރާއަތު ބަދަލުކުރަން މިހާރު ހުށަހަޅާފައި ވާނެ،" ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެ އިސްލާހުތަކުގެ ސަބަބުން، ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ އަދަދު މަދުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިހާރު އޮންނަ ގޮތުން ކޮންމެ މައްސަލައަކަށް ވަކީލުންނާއި ހެކިން ހާޒިރުކޮށްގެން ޝަރީއަތް ކުރަންޖެހޭތީ އަވަހަށް ޝަރީއަތްކުރަން ގޮންޖެހުންތައް ހުރިކަން ޕީޖީ ފާހަގަކުރެއްވި އެވެ.
"[ގާނޫނު އިސްލާހުވުމުން] އަސްލު ކުށްތައް ޝަރީއަތް ކުރަން ކޯޓަށް އެކަށީގެންވާ ވަގުތު ލިބިވަޑައިގަންނަވާނެ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހުރިހާ ބާވަތެއްގެ މައްސަލަތައް ކޯޓަށް ހުށަހަޅައިގެން ބޮޑެތި ޝަރީއަތްތައް ނުކުރާ ކަމަށެވެ. އެގޮތުން، ޝަރީއަތަށް ނުގޮސް ކޯޓުން ބޭރުން ވަކި އަދަބަކަށް އެއްބަސްވެގެން ކޯޓަށް ހުށަހަޅައިގެން ނިންމޭ ގޮތަށް ހުންނަ މައްސަލަތައް ހުންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުގައި ވެސް އެކަމަށް މަގުފަހިކޮށްދީފައި އޮތް ކަމަށާއި، ނަމަވެސް އެ އިޖުރާއަތުތައް ހުރީ ވަރަށް ހަނިކޮށް ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އެކަން އިތުރަށް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ %40-%50 އަކީ ވަކި ގޮތަކަށް އެއްބަސްވެގެން ކޯޓަށް ދާ މައްސަލަތަކަށް ވެގެންދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.
"މިސާލަކަށް މަސްތުވާތަކެތީގެ މައްސަލަ. ދައުވާ ލިބޭ މީހާއަށް ވެސް އެބަ އެނގޭ. ދައުވާ ލިބޭ މީހާގެ ވަކީލަށް ވެސް އެބަ އެނގޭ މި ހުރި ހެކިތަކުން ސާބިތުވާނެކަން. އެހެން ވިއްޔާ ދެން ކޮންމެހެން އެ މައުޟޫއަކަށް ޝަރީއަތެއް ހިންގުމުގެ މާބޮޑު ބޭނުމެއް ނެތް. އެއަށްވުރެ ލުއި އަދަބެއް ލިބެންޏާ، އެ ލުއި އަދަބުން ނިމޭ ގޮތަކަށް އިންތިޒާމުތައް ރޭވުން. ދެން ޝަރީއަތަށް ގޮއްސިއްޔާ އޮންނާނީ ބޮޑު އަދަބު ލިބުން. އެ ރިސްކު ނަގަން ދެން ނިންމަން ޖެހޭނީ،" ޝަމީމް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -
ކުޑަކުދިންނަށް ޖިންސީގޯނާކުރުމުގެ 409 މައްސަލަ، ނިމުނީ 21
'ވާނުވާ' ބަންދުގައި ތިބި 368 މީހުން ދޫކޮށްލަން އުނދަގޫ: ޕީޖީ
ކުދި ކުށްތައް އެއް ދުވަހުން ކޯޓުން ނިމޭ ބަދަލަކަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ