އުރީދޫ ސްޓެމް ފެއަރ 2023 ގެ އެންމެ މޮޅު ސްކޫލަކަށް އިސްކަންދަރު ސްކޫލް

އުރީދޫ ސްޓެމް ފެއަރ 2023 ގައި ބައިވެރިވި ސްކޫލްތަކުން ބޮޑު ކާމިޔާބީތަކާއެކު ނިންމާލައިފިއެވެ. އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ހަރަކާތުގެ ސަބަބުން ޒުވާން ވިސްނުންތެރިންނަށް އެމީހުންގެ ސްއަންސް، ޓެކްނޮލޮޖީ، އިންޖެނިއަރިންގް އަދި މެތެމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.
މިއަދު ބޭއްވުނު މި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއަރ، ސީނިއަރ އަދި ނޮވިސް ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ރިބަން ދީފައިވެއެވެ. އޯވަރަލް ބެސްޓް ސްކޫލްގެ ގޮތުގައު އިސްކަންދަރު ސްކޫލަށް 50،000 ރުފިޔާ ލިބުނުއިރު، ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ދާ ޕްރޮޖެކްޓް ހުށަހަޅާފައިވާ ސްކޫލަށް 10،000 ރުފިޔާ ވަނީ ދީފަ އެވެ. މީގެ އިތުރުން ހުރިހާ ބައިވެރިންނަށް ވެސް ވަނީ ބައިވެރިވުމުގެ ސެޓްފިކެޓް ދީފަ އެވެ.
"އުރީދޫ ސްޓެމް ފެއަރ އާއި އެކު ޒުވާން ދަރިވަރުން އެކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސްޓެމް ފެއާގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަގުބަލުގެ ލީޑަރުންގެ ގާބިލްކަން ފެނިގެންގޮސްފި. އަދި މި ގޮތުގައި މި ދާއިރާ ތަކުން ދަރިވަރުން ބިނާ ކުރެވިއްޖެނަމަ ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް އެހެން ގައުމުތަކާ އެއހަމައެއްގައި ކުރިއަރެމުގެ ފުރުސަތު ބޮޑުވެގެންދާނެ." މި ފެއަރ އާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ހުނަރުވެރި ޒުވާން ވިސްނުންތަކުން ހުށަހަޅައިދީފައިވާ ޕްރޮޖެކްޓްތަކުން ދައްކުވައިދެނީ ސްޓެމް ގެ ދާއިރާއިން މުސްތަގުބަލުގެ ލީޑަރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ސްޓެމް ތަޢުލީމު ކުރިއަރުވައި، މިދާއިރާތަކުން އެކުދިންގެ ހުނަރާއި ޝައުޤުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވަން." އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ