ކުނީގެ ފީ ހިމަނާނީ އަންނަ މަހު ފޮނުވާ ކަރަންޓު ބިލުގައި: ވެމްކޯ

ވެމްކޯއަށް ނަގާ ފީ ހިމަނަނީ ދެން އަންނަ މަހު ފޮނުވާ ކަރަންޓު ބިލުގައި ކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ. ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ އެކަން ހައްލުކުރުމުގެ ގޮތުން، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ބިލު ކަރަންޓު ބިލުގައި ހިމަނަން ވަނީ ނިންމާފައެވެ. ނަމަވެސް މިފަހަރު ކަރަންޓު ބިލުގައި ވެމްކޯގެ ފީ ނުހިިމަނާތީ، އާއްމުން ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ. https://sun.mv/174935 އެކަމާ ގުޅިގެން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް މާކެޓިންގެ އެސިސްޓެންޓް މެނޭޖަރު ދުންޔާ އިބްރާހީމް މިއަދު "ސަން"އަށް ވިދާޅުވީ، ކުނީގެ ފީ ހިމަނަނީ ސްޓެލްކޯއިން އަންނަ މަހު ފޮނުވާ ކަރަންޓު ބިލުގައި ކަމަށެވެ. "އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެގޮތަށް ދެ ބިލް އެއްކޮށްލީ. އެހެންވެ، ކުނީގެ ފީ ހިމެނެނީ އަންނަ މަހު ފޮނުވާ ކަރަންޓު ބިލުގަ،" އޭނާ ވިދާޅުވިއެވެ. ވެމްކޯއިން މިދިޔަ މަހުގެ އެކަކުން ފެށިގެން އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93 ރުފިޔާއެވެ. އެ ކޯޕަރޭޝަނުން ގެތަކަށް އަރައި ކުނި ނަގާނީ ޕްރީމިއަމް ޚިދުމަތެއްގެ ގޮތުގައެވެ. ފީ ނުދައްކާ މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާތީ އެ ކޯޕަރޭޝަނުން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން އެދިފައެވެ. އަދި އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވެސް ވަނީ އެދިފައެވެ. ހަމަ އެއާއެކު، ވެމްކޯއިން ވަނީ ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރު އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ވެސް އެދިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަޙައްދުގައި ފީ ދައްކަންޖެހޭ ޖުމްލަ 53،690 ގޭބީސީ ހުރި ނަމަވެސް ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20،000 ގޭބީސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ