ޕެންޝަން ފައިސާއަކީ ވާރުތަވެރިންނަށް ބަހައްޓާ އެއްޗަކަށް ނުވާ ގޮތަށް ހަދަންޖެހޭ: މުފީދު

ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާއަކީ އެ މީހަކު މީހާ މަރުވުމުން ވާރުތަވެރިންނަށް ބަހަން ބަހައްޓާ އެއްޗަކަށް ނުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު މިއަދު އެދިވަޑައިގެންފި އެވެ.
ޕެންޝަން ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން އޭނާ ހުށަހެޅުއްވި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހަޅުއްވަމުން މުފީދު ވިދާޅުވީ ޕެންޝަން ފަންޑުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބޭނުންވާ މީހުންނަށް އެ ފައިސާ އިންވެސްޓްކުރެވޭނެ ގޮތް ވެސްް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެއީ ވަރަށް ގިނަ ރައްޔިތުންނަށް އެކަމުގެ މަންފާ ވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕެންޝަން ފައިސާއަކީ އިންސާނާ ދުނިޔެ ދޫކޮށް ދިއުމުން ވާރުތަވެރިންނަށް ބަހަން ހުންނަ އެއްޗެއްގެ ގޮތުގައި ނުބަހައްޓާ، ދިރި ދުނިޔޭގައި ހުއްޓާ އޭގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތަކަށް މި ބިލު ކޮމިޓީ މަރުހަލާގައި ނިމިގެން އަންނަ އިރުގައި ފަރުމާ ކުރެވިގެން ދިއުމަކީ އަޅުގަނޑު ކުރާ ވަރަށް ބޮޑު އުއްމީދެއް ކަމުގައި ވެސް ދަންނަވަން،" މުފީދު ވިދާޅުވި އެވެ. 
މުފީދު މިމޭރުމުން ވާހަކަ ދެއްކެވިއިރު އޭނާ ހުށަހެޅުއްވި ބިލުގައި އޮތްގޮތުން އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން ސޭވިންގެ ފައިސާ އެއްފަހަރާ ނެގޭނެ އެވެ.
އެ  ބިލުގައިވަނީ ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ
65 އަހަރުވުމުން ކަމަށްވީ ނަމަވެސް ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ
މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގިދާނެ ކަމަށެވެ. 
އެ މާއްދާގައިވާ ގޮތުން "ޓާމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބުނެފައި
އެވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް 12
މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް
ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ. 
އެ ބިލްގައިވާ ގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ޕެންޝަން ސޭވިންސް އެކައުންޓްގައިވާ ފައިސާ ދޫކުރަން ހުށަހަޅާ ހާލަތުގައި އެމީހަކު ކަނޑައަޅާ
އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި
ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ އެވެ.
ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން މުފީދު ހުށަހެޅުއްވި ބިލުގައި އެ
ގާނޫނަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ވެސް ހުށަހަޅާފައިވެ އެވެ.
ޕެންޝަން ފަންޑުގައިވާ ފައިސާ، ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް
ކުރުމާއި މަރާމާތުކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން
ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.
ޕެންޝަން ގާނޫނުގެ މިހާރު އޮތްގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ
ކޮލެޓްރަލައިޒް ކުރެވެނީ އިމާރާތްކޮށް ނިންމައި އަދި އާއްމުކޮށް
ހުޅުވާލައިގެން ވިއްކާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ