ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު، ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް މަރިޔަމް ވަހީދު އައްޔަންކޮށްފި

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށާއި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ބޭފުޅުން މިއަދު އައްޔަންކޮށްފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޖޭއެސްސީން އައްޔަންކުރީ އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދެވެ. އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ޖޭއެސްސީން ހުޅުވައިލުމުން ކުރިމަތިލެއްވީ ވަގުތީ ގޮތުން ކޯޓުގެ ހިންގެވުމާ މިހާރު ވެސް ހަވާލުވެ ހުންނެވި ޝަހީދު އެކަންޏެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުންނެވެ.
ފަނޑިޔާރު ޝަހީދަކީ 2018 ވަނަ އަހަރު ހައި ކޯޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން 2018 ވަނަ އަހަރުން ފެށިގެން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގަ އެވެ. އޭގެ ކުރިން މެޖިސްޓްރޭޓް ކަން ވެސް ކުރެއްވި އެވެ.
Appointment of Chief Judge of High Court and Chief Judge of Civil Court.We would like to congratulate Uza.Mariyam Waheed for being appointed as the first female Chief Judge of Civil Court.@mvhighcourt @MVCivilCourt pic.twitter.com/GDh3MhiVQu
ހުސްވެފައިވާ ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ޖޭއެސްސީން މިއަދު އައްޔަންކުރީ އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދެވެ. މިއީ ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އަންހެން ގާޒީއަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އެ މަގާމަށް ގާޒީ ހާފިޒާ އަބްދުއްސައްތާރު ވެސް ކުރިމަތިލެއްވި އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.
ގާޒީ މަރިޔަމް ވަހީދު 2016 ވަނަ އަހަރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މެޖިސްޓްރޭޓް ކަން ވެސް ކުރެއްވި އެވެ. އޭނާ ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ހުކުމަކާ ގުޅިގެން ފަނޑިޔާރުކަމުގެ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު އަމުރެއް ނެރުނެވެ. ނަމަވެސް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލްކޮށް، އޭނާ އަލުން ވަޒީފާ އަށް ނުކުންނަން އެންގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ