އެމެރިކާ އާއި އީރާނުގެ އަސްކަރީ ބާރުތަކުގެ މެދުގައި ހިނގި ކުރިމަތިލުންތަކަށް ފަހު، ހޮރްމޫޒް ކަނޑުއޮޅިއަށް އިއްޔެ ނިސްބަތުން ހަމަހިމޭންކަމެއް އަތުވެއްޖެ އެވެ. އެއާ އެކު، ހަނގުރާމަ ރަސްމީކޮށް ހުއްޓާލައި ސުލްހައިގެ މަޝްވަރާތައް ފެށުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް އީރާނުގެ ޖަވާބަކަށް ވޮޝިންޓަނުން އަންނަނީ އިންތިޒާރު ކުރަމުންނެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހުކުރު ދުވަހު ވިދާޅުވީ، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، އިއްޔެގެ ނިޔަލަށް ވެސް އީރާނުގެ ފަރާތުން ރަސްމީ އެއްވެސް އިޖާބައެއް ލިބިފައެއް ނުވެ އެވެ.
މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ސަރަހައްދީ ސަލާމަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގެ މަޝްވަރާ ފެށުމުގެ ކުރިން، މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމެވެ.
މަސްލަހަތު ކުޑަކޮށް ފިނިވަމުންދާކަމުގެ ނިޝާނެއްގެ ގޮތުން، ގަތަރުގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އުފުލާ އުޅަނދެއް، އީރާނުގެ ހުއްދައާ އެކު ޕާކިސްތާނަށް ދިއުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. މި ދަތުރު ކާމިޔާބުކަމާ އެކު ނިމިއްޖެ ނަމަ، މިއީ ހަނގުރާމަ ފެށުނު ފަހުން ގަތަރުގެ މިފަދަ އުޅަނދެއް އެ ސަރަހައްދު ހުރަސްކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.
މިދިޔަ މަހު އިއުލާނުކުރި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހަކަށް އައިސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ މި ކަނޑުއޮޅީގައި، ފެބްރުއަރީ މަހުން ފެށިގެން އީރާނުން ވަނީ އެ ގައުމުގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކުގެ ދަތުރުފަތުރު ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެމެރިކާއިން ސިޔާސީ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ހައްލެއް މޭޒުމަތީގައި އޮންނަ ކޮންމެ ފަހަރަކު، އެމެރިކާއިން އިސްކަންދެނީ ނުރައްކާތެރި އަސްކަރީ ހަރަކާތްތައް ހިންގުމަށެވެ.
އެމެރިކާއިން ސިޔާސީ ގޮތުން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާއިރު، އަނެއްކޮޅުން އީރާނާ ގުޅުންހުރި ފަރާތްތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފަ އެވެ. މީގެ ތެރޭގައި އީރާނުގެ ޑްރޯން ޕްރޮގްރާމަށް އެހީތެރިވާ ކަމަށް ތުހުމަތުކުރެވޭ ޗައިނާ އާއި ހޮންކޮންގުގެ ކުންފުނިތައް ހިމެނެ އެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ކުރިންނެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުން ވެސް ވަނީ މެދުއިރުމައްޗަށް ހަނގުރާމަމަތީ މަނަވަރެއް ފޮނުވާނެކަން އިއުލާނުކޮށްފަ އެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅީގެ ކަނޑުދަތުރުފަތުރުގެ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދަން ރާވާފައިވާ މިޝަނެއްގައި ބައިވެރިވުމަށް އަމަލީ ގޮތުން ތައްޔާރުވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
އީރާނުގެ ޖަވާބަކަށް އިންތިޒާރުކުރާއިރު، ހޮރްމޫޒް ކަނޑުއޮޅިއަށް ހަމަހިމޭންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ