އެންމެ ބޮޑު އަމާޒަކީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުން: ރައީސް

މި ސަރުކާރުން ހާއްސަ އިސްކަން ދޭނެ އެއްކަމަކީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ތިމާވެއްޓަށް ލިބިގެންދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް އިސްކަން ދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ދޭން ފެށިތާ 70 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދިގު މުއްދަތެއް ވަންދެން، އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ވަރަށް ބުރަ އަދި ގޮންޖެހުންތައް ހުރި ހިދުމަތެއް ކަމަށެވެ. އަދި މިހާ ހިސާބަށް ކަރަންޓުގެ ޚިދުމަތް ތަރައްޤީވެގެން އައީ ގިނަ ބައެއްގެ މަސައްކަތުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ 1949 ވަނަ އަހަރު، ދައުލަތުގެ ފަރާތުން މާލެއަށް ކަރަންޓުގެ ޚިދުމަތް ތަޢާރަފްކުރީއްސުރެ، މިއަދާ ހަމައަށްވެސް ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރަޔަކަށް ނުވާނެގޮތަށް، އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދިނުން ކަމަށެވެ. އަދި ސަރުކާރެއްގެ ހައިސިއްޔަތުން އެންމެ ބޮޑު އަމާޒަކީ ކަރަންޓުގެ ހިދުމަތް ހޯދުމަށްޓަކައި ރައްޔިތުން ކުރަންޖެހޭ ހޭދަތައް ކުޑަކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ، ހޫނު މޫސުން ފެށޭ ދުވަސްކޮޅަށްވެފައި އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކަރަންޓު ބިލަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޫނުގެ ސަބަބުން އާއްމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއި އެކު، ކަރަންޓު ބިލު އެހެން މަސްތަކާއި އަޅާބަލާ އިތުރުވާ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ހޫނުގަދަ ވުމުގެ ސަބަބުން ބައެއް ޓެކްނިކަލް މައްސަލަތައް ދިމާވުމާއި އެކު ކަރަންޓު ކެނޑުންފަދަ މައްސަލަތައް ވެސް ދިމާވާ ކަމަށެވެ.
”ސްޓެލްކޯއިން މިހާރު ހިންގާ 35 އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދިނުމަށް، މަހެއްގެ މައްޗަށް 12 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންވޭ. އެއީ މަހަކު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ. އަދި ކޮންމެ އަހަރެއްގެ ހޫނު ދުވަސްވަރަށް، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުން، އިންޖީނުތައް ހިންގަން ބޭނުންވާ ޑީސަލާއި، ޑީސަލަށް ކުރާ ހޭދަ 9 ޕަސެންޓް އިތުރުވެގެންދޭ.“ ރައީސް ސޯލިހް
ރައީސް ސޯލިހް ވަނީ، ކަރަންޓު އިސްރާފުވާ މިންވަރު ކުޑަކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ އާއްމުންގެ ފަރާތަކުންވެސް ސަމާލުކަން ދޭންވީ ސްޓެލްކޯއިން ދޭ މައުލޫމާތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި، ކަރަންޓު ހަރަދު ކުޑަކުރެވޭނެ ގޮތްތައް ދެނެގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މާލެއާއި އެހެން ރަށްތަކާއި މެދު ކަރަންޓުގެ ހިދުމަތަށް ނަގާ އަގުތަކުގައި ބޮޑު ތަފާތުތަކެއް ހުރި ކަމަށެވެ. އަދި ސަރުކާރުގެ ވައުދާއި އެއްގޮތަށް އެ ތަފާތު ނައްތާލައި، ރާއްޖޭގެ ހުރިހާ ގޭބިސީތަކުން ނަގާ އަގުތައް އެއްހަމަކޮށްފައިވާނެކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ހާއްސަ އިސްކަން ދޭނެ އެއްކަމަކީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ތިމާވެއްޓަށް ލިބިގެންދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް އިސްކަން ދިނުން ކަމަށާއި ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްގެ ގޮތުގައި ރައީސް ސޯލިހް ބިދާޅުވިއެވެ.
”ތިމާވެށީގެ މައްސަލައަކީ، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ތަޢާރަފްވެގެން އައިއިރު، އޮތް މައްސަލައެއް ނޫން. ނަމަވެސް މިއަދު ތަރައްޤީގެ މަގުގައި، އެންމެ ފިޔަވަޅެއް އެޅިޔަސް، އެކަމުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމަކާމެދު ފުންކޮށް ވިސްނަންޖެހޭ. އަޅުގަނޑުމެންގެ އަސާސީ ބޭނުމެއް ފުއްދިކަމުގައިވިޔަސް، ވަށައިގެންވާ މާޙައުލަށް ކުރާނެ އަސަރުތަކާމެދު، ވަރަށް ބޮޑަށް ވިސްނާފައި ނޫނީ އެކަމެއް ކުރެވޭކަށް ނެތް.“ ރައީސް ސޯލިހް
ރައީސް ސޯލިހް ވިދާޅުވީ ތަރައްގީގެ މަގުގައި މިއަދު ކިތަންމެ ކުޑަ ފިޔަވަޅެއް އެޅިކަމުގައި ވީ ނަމަވެސް އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ކަރަންޓުގެ ޚިދުމަތާއި ތިމާވެށްޓާ ގުޅިގެން ދަނީ، ކަރަންޓު އުފެއްދުމުގައި ޖަނަރޭޓަރު ހިންގަނީ އެއަށް ތެޔޮ އަޅައިގެން ކަމަށްވާތީ ކަމަށެވެ. އަދި ޖަރަނޭޓަރުތަކާއި އިންޖީނުތަކުން ބޭރުކުރާ ދުމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސް ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ގެއްލުން، ރާއްޖެއަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އެގޮތުން މި އަހަރުގެ އިރުވައި މޫސުމުގައި ރާއްޖޭގެ ރަށްތަކަށް އުދަ އެރުމާއި، ގޮނޑުދޮށްތައް ގިރައިގެން ދަނީ އެހެން އަހަރުތަކާއި ހިލާފަށް މާބޮޑަށްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
”އެހެންވީމާ، ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވެން ހުރި ކަންކަމަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ.“ ރައީސް ސޯލިހް
ސްޓެލްކޯއިން އެކުލަވާލާފައިވާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ޕްލޭން ފުރިހަމަވެގެން ދާއިރު، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާ އިތުރު ވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނަން ކޮންމެ ގޭބިސީއެއްގައިވެސް އާދަކުރަން ޖެހޭ ކަމަށެވެ. އަދި، ޕްލާސްޓިކްގެ ނުރައްކަލުން އަޅުގަނޑުމެންގެ ވެށި ރައްކާތެރި ކުރެވޭނީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށްޓަކައި، ސަރުކާރުން މިހާރު މިގެންދަނީ، އަވިން ކަރަންޓް އުފައްދާ ނިޒާމުތައް، މާލެއާއި އެހެން ރަށްރަށުގައި އިތުރުކުރަމުން. މިދިޔަ އަހަރުގެ ތެރޭގައިވެސް، އަވިން ކަރަންޓް އުފައްދާ ނިޒާމުތައް، 40 ރަށެއްގައި ޤާއިމުކުރެވިއްޖެ. އެ ނިޒާމުތަކުން 5.2 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ.“ ރައީސް ސޯލިހް
ގިނަ ޤައުމުތައް އިޢާދަކުރަނިވި ހަކަތަ ބޭނުން ކުރަމުން އަންނައިރު، އެ ގައުމުތަކުން މަސައްކަތް ކުރަނީ ކަރަންޓް އުފެއްދުމަށް ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި ކޮންމެ ގައުމެއްގެވެސް އޮތީ އެންމެ ބޭނުމެއް ކަމަށާއި އެއީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކޮށް ދުނިޔޭގެ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
އިޤްތިޞާދު ކުރިއެރުވުމަށް ޔޫޓިލިޓީޒް ޚިދުމަތްތައް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައިވާ ވަރަށް މުހިންމު ބައެކެވެ. އަދި މިކަމަށްޓަކައި މި ސަރުކާރުން މިހާތަނަށްވަނީ ކަރަންޓުގެ ޚިދުމަތް އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތާލައި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްހަމަ ކޮށްފައެވެ. އަދި ހަމަ އެއާއެކު އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް އެއްހަމަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ