ދިވެހި ސިފައިންނާއި އާއިލާތައް ދިރިއުޅުމަށް ދޫކޮށްފައިވާ މާލޭ ބަނޑޭރިކޮށީގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ މީހުން އެތަނުން ނެރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
މިދިޔަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު، އަދި 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ބަނޑޭރިކޮށީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބައެއް މީހުންނާއި، ސިފައިންގެ ވަޒީފާގައި ނޫޅޭ ބައެއް މީހުން ވަނީ ނެރެން ފަށާފައެވެ.
މިކަން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެތަނުގައި ދިރިއުޅެމުންދާ ބ.ތުޅާދޫ ނޫސް އަލީ ޙަސަން ވަނީ ސިވިލް ކޯޓުގައި، 26 ޖަނަވަރީ 2015 ވަނަ ދުވަހު ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ.
ނަމަވެސް، މިއަދު ސިވިލް ކޯޓުން ބުނެފައި ވަނީ، މީގެ ކުރިން ތިން ފަހަރެއްގެ މަތިން، އަލީ ހަސަން ބަނޑޭރިކޮށީގައި ދިރިއުޅެމުން ދިޔަ ތަން ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އެތަނުން އޭނާއަށް އެޕާޓްމެންޓް ދީފައި ވަނީ އޭނާ ސިފައިންގޭގައި ވަޒީފާ އަދާކުރަމުން އައި ދުވަސްތަކަށް އެކަނި ކަމަށާއި، މިހާރު އޭނާއަކީ ސިފައިންގޭގެ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ވެއެވެ.
އެ ނިންމުމުގައި ބުނެފައި ވަނީ، ސަލާމަތީ ބާރުތަކުން، ބަނޑޭރިކޮށީގެ އެ އެޕާޓްމެންޓް ހުސްކުރުމުގައި ޢަމަލުކުރަމުން ދަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަމަށް ބެލެވޭ ކަމަށާއި، އެ އެޕާޓްމެންޓުގައި ދިރިއުޅެމުންދާ މީހުންގެ ނުރުހުމުގައި، އަދި ކޯޓު އަމުރެއް ނެތި އެ އެޕާޓްމެންޓަށް ނުވަނުމަށާއި، އަދި އެތަނުގައި ތިބި މީހުންނާއި ތަކެތި ނެރެ، ތަން ހުސްނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރާނެ ޖާގައެއް މިހިނދަށް ނެތް ކަމަށެވެ.
ބަނޑޭރި ކޮށިން މީހުން ނެރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފަށާފައިވާ އިރު، އެ ދުވަހު ވެސް ވަނީ ބަނޑޭރި ކޮށީގެ އެޕާޓްމެންޓެއް ހުސްކޮށްފައިވެއެވެ.
އެމްއެންޑީއެފްގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް، އެ ވަޒީފާގައި ދެމިތިބޭ މުއްދަތަށް ދިރިއުޅެން ދެވޭ ބަނޑޭރިކޮށީގެ އެޕާޓްމެންޓްތަކުން، ސިފައިންގެ ވަޒީފާއިން ވަކިވެފައިވާ މީހުން ނެރުމުގެ މަސައްކަތް ކުރަމުންދާ އިރު، އެކޮށީގައި އަމިއްލައަށް އިމާރާތް ކޮށްގެން ދިރިއުޅުނު ފަރާތްތަކަށް ބަދަލުގައި ފައިސާ ވެސް ވަނީ މީގެ ކުރިން ދެވިފައެވެ.
ބަނޑޭރިކޮށިން މީހުން ނެރުން ހުއްޓުވުމަށް ވަގުތީ އަމުރު ނެރެވެން ނެތްކަމަށް ސިވިލް ކޯޓުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ