ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަމަތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށާއި ގާނޫނުއަސާސީއާ ފުށުއަރާ ގޮތަށް ހަދާ އެއްވެސް ގާނޫނަކުން މެންބަރުންގެ ގޮނޑި ނުގެއްލޭނޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭގޮތް ހެދުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކު ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހެޅުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ވީނިއުސްއަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގެ ސޯޅަވަނަ މާއްދާގައި މެންބަރަކު ޕާޓީ ބަދަލުކުރިޔަސް މިހާރު ތިއްބެވި މެންބަރުންގެ ގޮނޑި ނުގެއްލޭނޭ ކަމަށް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށާއި އެއީ އިތުރު ގާނޫނެއް ހަދައިގެން ބަދަލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭނެ އުސޫލުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު ގާނޫނުއަސާސީއަށް ބަދަލުގެނެސްގެން މެނުވީ އެއީ ކުރެވޭނޭކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އެއްވެސް އިދާރާއަކަށް އެއްވެސް ގޮތަކުން އެމެންބަރުންގެ ގޮނޑި ގެއްލުވައި ނުލެވޭނެ ކަމަށާއި ގޮނޑި ގެއްލޭނެ ގޮތް އެއޮތީ ސާފު ބަހުން ބަޔާންވެގެން ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޯޓަކުންވެސް ގޮތެއް ނިންމޭނީ ގާނޫނުއަސާސީން ދީފައިވާ އިމުގެ ތެރެއިން ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގައެވެ.
"އެހެންނޫންކަމަށް ވެއްޖެއްޔާ ޖެހޭނީ ގާނޫނުއަސާސީ އަލުން އިސްލާހުކުރަން. ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެބަބުނޭ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް. އެކަން އެހެން އޮއްވާ ވަކި ގާނޫނެއް ހަދައިގެން އެކަމެއް ނުކުރެވޭނެ. އެއްވެސް ކޯޓަކަށްވެސް އެކަން ބަދަލެއް ނުކުރެވޭނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނެއް ހަދައިގެން މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން މަސައްކަތް ކުރަަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަ މެންބަރެއްގެ ގޮނޑި ގެއްލުވާލުމަށް ސުޕްރީމް ކޯޓުގެ ތެރެއިންނާއި އެކި ގޮތްގޮތުން ކުރަމުންދިޔަ މަސައްކަތްތައް ނާކާމިޔާބު ވުމުން ކަމަށެވެ. ކޯޓު ތެރެއިންވެސް ސަރުކާރު އެދޭ ގޮތަށް އެކަން ނުކޮށްދެއްވިގެން އުޅޭ ސަބަބަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމަކަށްވާތީ ކަމަށާއި ދެންވެސް ކޯޓުތަކުން އަމަލު ކުރައްވާނީ އެގޮތަށް ކަމަށް ޔަގީން ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ސަރުކާރަށް ތާއީދުކުރާ މެންބަރުން ތިބެގެން ރައްޔިތުންގެ މަޖިލީހުން އެފަދަ ގާނޫނެއް ފާސްކުރިނަމަވެސް މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ މައްޗަށް އެގާނޫނު ތަންފީޒު ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ކުރީން ހިނގާފައިވާ ކަމަކަށް ފަހުން ގާނޫނެއް ހަދައިގެން ތަންފީޒު ކުރުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިހާރު ގާނޫނެއް ފާސްކޮށްގެން އެ ގާނޫނެއް ހިންގޭނީ ދެން އިންތިޚާބު ކުރެވޭ މެންބަރުންގެ މައްޗަށް ކަމުގައެވެ.
އެކި ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ އެތަކެއް މެންބަރުން ބަންދުކޮށްގެން ތިބެ އެ މެންބަރުންނާނުލައި އަދި ސަރުކާރުގެ ފިކުރަށް ތާއީދުނުކުރާ އެތައް މެންބަރުންނެއް މަޖިލީހަށް ނުވައްދައި ބާއްވާ ޖަލްސާއަކުން ނިންމާ ނިންމުމެއްވެސް ސައްހަ ނުވާނޭ ކަމަށާއި ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ ގާނޫނެއްވިޔަސް ގަވާއިދެއްވިޔަސް ސައްހަވާނީ މަދުވެގެން މަޖިލީހުގެ ސާޅީސް ތިން މެންބަރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަކުން ފާސްކޮށްގެން ކަމުގައިވެސް ވިދާޅުވިއެވެ.
ގާނޫންއަސާސީގައި ބަޔާންވެފައިވާ ގޮތްތަކުގެ މަތީން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަން ޝަރުއީ ތިން މަރުހަލާ ނިމި ސްޕްރީމް ކޯޓުން އެމީހަކު ކުރީ ކުށެއްކަމަށް ކަނޑައެޅުއްވުމާއި ހަމަޔަށް އަދި ގޮނޑި ގެއްލިފައިވާ ކަމަށް އެކޯޓުން ނިންމަވަންދެން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި އެމެންބަރަކު ބައިވެރިކުރާންވާނޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންވެފައި އޮތް ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެ ކުރީން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއީލް އަބްދުލްހަމީދާމެދުވެސް އަމަލު ކުރެވިފައިވަނީ މިގޮތުގެ މަތީން ކަމަށާއި އެހެންވީމާ ދެންވެސް އަމަލުކުރާން ޖެހޭނީ ކުރީން ގާއިމުކުރެވި އަމަލުކުރެވެމުން އައި އުސޫލަށް ކަމުގައި ވިދާޅުވިއެވެ.
މިކަން މިހެން އޮތްނަމަވެސް މިހާރު މަޖިލީހުން އަމަލު ކުރައްވަމުން އެގެންދަވަނީ ފުލުހުން ތަހުގީގަށް ބަންދުކޮށްފައިވާ މެންބަރުންނާއި އެނޫންވެސް ބައެއް މެންބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިނުކޮށް ކަމަށްވާތީ މިއީ ގާނޫނުއަސާސީއާ ޚިލާފު ބޮޑު ކުށެއްކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިގޮތަށް ނިންމާ ނިންމުންތަކާއި ފާސްކުރާ ފާސްކުރުންތަކުގައި ގާނޫނީ ހައިސިއްޔަތެއް ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ،
ޕީޕީއެމްގެ އަސާސީގަވާއިދު ބުނާގޮތުން އެޕާޓީން ވަކިވުމަށް މެންބަރަކު ސިޓީ ފޮނުވުމުން އެހިސާބުން އެ މެންބަރަކު ޕާޓީން ވަކިވީ ކަމަށާއި ޕާޓީން ވަކިނުކޮށް ވަކި ތާރީޚަކާއި ހަމަޔަށް ދިގުދެންމުމަކީ އަސާސީގަވައިދު ތަންދޭ ކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ޕީޕީއެމުން ވަކިވުމަށް މިދިޔައަހަރުގެ ޖުލައި ތޭރައިގެ ކުރިން މަޖިލީހުގެ ބައެއް މެންބަރުން އެ ޕާޓީއަށް ސިޓީ ފޮނުއްވާފައި އޭގެ އިތުރަށް އެ މެންބަރުން މިކަން ލިޔުމުން އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅުއްވާފައި ވަނިކޮށް އޭގެ ފަހުގެ ތާރީޚެއްގައި އެ މެންބަރުން އެޕާޓީން ވަކިކުރިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާކަމުން އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ބުނުމަކީ ސްޕްރީމް ކޯޓުން ނިންމެވި ނިންމެވުމާ ޚިލާފު ބުނުމެއްކަން ސާބިތުވާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިކަމަކީ ޕީޕީއެމުން ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ރަގަޅަށް އެނގެން އޮތުމާއެކު މިކަމަކީ ބާތިލުކަމަކަށް ނުވެނުދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މިއީ ޝައްކެއް އޮޅުމެއް ނެތް މިންވަރަށް ސާފު މައްސަލައެއް ކަމަށާއި ސަރުކާރުން ހަމަކޮންމެ ކަމެއްވެސް ހިންގާން އުޅެނީ ގާނޫނުއަސާސީގެ ތަރަހައިން ބޭރުގައި ކަމަށާއި އަދި އެއީ ދިވެހި ރައްޔިތުން އެއްވެސް ހާލެއްގައި ފުރުސަތު ދޭނޭ ކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މެންބަރުން ޑްރާފްޓު އެކުލަވާލުމުގައިވެސް އަދި މަޖިލީހުގެ ތަޅަމުގައިވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ސަރުކާރު ހިންގަން ހުންނަ މީހެއްގެ އަމިއްލަ އެދުމަށްޓަކައި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މައްޗަށް ނުފޫޒު ފޯރުވައި ކަންތައްތަކެއް ކޮށްފާނެތީ އަދި މިނިވަން މުވައްސަސާތަކުގެ ބާރު ކަނޑުވައިލާން އުޅެފާނެތީ ޚާއްސަގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށާއި ފަނޑިޔާރުގޭގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ޖާގަ ނުދިނުމަށް ވިސްނައިގެން ކަމުގައެވެ.
މިއަދު މިފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ފަނޑިޔާރުގޭގެ ބާރު ކަނޑުވާލައި ގޮށްމުށުމުގެ ބާރުން އަނިޔާވެރިކަމާއެކު ކަންތައްތަކެއް ކުރަމުންދާ މަންޒަރު ކަމަށާއި ބާރުތައް ވަކިކުރެވި އެބާރުތައް ހިންގަންވާގޮތާއިބެހޭ މާއްދާތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ލިޔެފައިވަނީ އެކަން އެހެންވިޔަ ނުދިނުމަށް ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ. އެކަން އެހެން ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނިކޮށް ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހަކުން އަދި ދަށު ކޯޓަކުން ކުރާ ހުކުމަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރެވޭނަމަ އަދި ގާނޫނެއް ފާސްކޮށްގެން އެކަން ކުރަން އުޅޭނަމަ އެކަމަކީ ކަނޑައެޅިގެން ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެން އެކަންކޮށްފިނަމަ އެކުރެވޭ ކަމަކީ ގާނޫނުއަސާސީއާއި ގާނޫނުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ދީފައިވާ ބާރު ނެތިކޮށްލުމާއި ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުން ވަކިކުރުމާ ބެހޭގޮތުން ކަނޑައަޅާޅާފައިވާ ގޮތާ މުޅިން ޚިލާފުވުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މިއީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގާނޫނުއަސާސީއާ ޚިލާފަށް މަޖިލީހަކަށްވެސް ކޯޓަކަށްވެސް މިކަން ކުރެވިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކަމެއް ދިމާވީމާ އަމަލު ކުރެވޭނީ އޭރަކު ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ކަމަށެވެ. ބަޔަކު ހައްޔަރުކޮށްގެން އެބަޔަކު ކުށްވެރިކުރުމަށް ނުވަތަ ސަލާމަތްކޮށްދިނުމަށް ކަމަށްވިޔަސް ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށްގެން ކުރާ ކަންކަމަކީ ގާނޫނުއަސާސީއާ މުޅިން ޚިލާފު ކަމެއް ކަމަށެވެ. ފަނޑިޔާރުން ވަކިކުރެވޭނެ އުސޫލު އެއޮތީ ބަޔާންވެފައި ކަމަށާއި ފުރިހަމަކުރާންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިކަން އެޖެންޑާކޮށް ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ނޫނީ އެއްވެސް ހާލެއްގައި ފަނޑިޔާރުން ވަކި ނުކުރެވޭނެކަމަށް ގާނޫނުއަސާސީގެ ސަތޭކަފަންސާސްހަތަރުވަނަ މައްދާގެ ށަވިޔަނީގައި ކަނޑައެޅިގެން ސާފުކޮށް ބަޔާންކޮށްފައި އެއޮތީ ފަނޑިޔާރުގޭގެ މުސްތަގިއްލުކަން ކަށަވަރުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. މިހާ ސާފުކޮށް އެނގެން އޮތްކަމެއް އޮޅުވާލައިގެންވިޔަސް ކުރެވޭނީ ކޮން ގޮތަކުންބާވައޭ ހިތަށް އަރާކަމަށް ގާސިމް ވިދާޅުވިއެވެ.
މެންބަރުން މަޖިލީހަށް އިންތިޚާބުކުރާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ނިހާން ހުށަހެޅި ބިލްގެ ތައާރަފުގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި ހިނގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީގެ މެންބަރު ކަމުން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގާނޫނު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެކަން އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން އެކަމާ ގުޅޭގޮތުން ކުރި ހުކުމްގައި މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެގޮތް ހެދުމަށް މަޖިލީހުން ގާނޫނެއް ފާސްކުރުމަށްވެސް އަންގާފައި ވެއެވެ.
ނަމަވެސް މަޖިލީހުން އެކަން ނުކޮށް އެތައްމަހެއް ފާއިތުވުމުން ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރުގައި ވަނީ ޖުލައިމަހު އެ ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ.
އެކަމަކު އޭގެ ފަހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން ސުޕްރީމް ކޯޓުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ އަމުރުގައި މަޖިލިސް މެންބަރުންނާ ގުޅޭގޮތުން ހިމަނާފައިވާ ބަޔަށް އަމަލުކުރުން ވަނީ ފަސްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ މިއަމުރާ ގުޅިގެން މަޖިލީހުގެ 12 މެންބަރަކަށް މަޖިލީހަށް ވަނުމަށް ސަލާމަތީ ފަރާތްތަކުން ދަނީ ހުރަސްއަޅަމުންނެވެ. މިކަމާއި ގުޅިގެން މުޅި ދުނިޔެއިން ވަނީ ހައިރާންކަމާއި ކަންބޮޑުވުން ފާޅުކޮށް ގާނޫނީ އިމުގެ ތެރެއަށް ސަރުކާރު އަލުން ރުޖޫއަވުމަށް ގޮވާލާފައެވެ.
މެމްބަރެއްގެ ގޮނޑި ގެއްލޭނެ ގޮތް ގާނޫނުއަސާސީގައިވަނީ ކަނޑައަޅާފައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ