މެންބަރު މުހައްމަދު އަބްދުﷲގެ ގޮނޑިވެސް ނުގެއްލޭ ކަަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މުހައްމާގެ އިތުރުން އެހެން ދެ މެންބަރެއްގެ ގޮނޑިއާ މެދުވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ގޮތް ނިންމާފަ އެވެ. އެއީ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ގޮނޑިއާ މެދު އެވެ. މީގެއިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީގެ ގޮނޑިއާ މެދުވެސް ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމާނެ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ވެސް ވަނީ ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ. އެއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، މައްޗަށްގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތި ދާއިރާގެ މެންބަރު އިލްހާމު އަހްމަދުގެ ގޮނޑީގެ މައްސަލަ އެވެ.
ސުޕްރީމް ކޯޓުން މިއަދު 12 މެންބަރުންގެ ގޮނޑިއާ މެދު ގޮތް ނިންމާއިރު މި ބޭފުޅުންނަށް މަޖިލީހަށް ނުވަދެވޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މެންބަރަކު އިންތިހާބުވި ޕާޓީން 13 ޖުލައި 2017ގެ ފަހުން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައެޅުމާ ގުޅިގެންނާއި ސުޕްރީމް ކޯޓުން އެ ގާނޫނު ސައްހަކަން ކަނޑައެޅުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ވެސް އަމަލުކޮށްފައިވެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް 12 މެންބަރުންނާއި ގުޅިފައިވާ ޕާޓީ ތަކުން ގެންދިޔައީ މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި ނިންމުން މުރާޖައާކޮށް ކުރީގެ އެ ނިންމުން މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އޭރު 12 މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ ސުޕްރީމް ކޯޓުން ވަނީ ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ