ގާސިމް މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ، ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް: ރިޔާޒު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހާރުން މިހާރަށް ދޫކޮށްލަންޖެހޭކަމަށާ އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އަބުދުﷲ ރިޔާޒު މިހެން ވިދާޅުވީ މާފަންނު ކުނޫޒުގައި މިހާރު ކުރިއަށްދާ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހިމް ދޫނިދޫ ޖަލުގައި ބާއްވާފައި އޮތީ ގާނޫނާއި ޚިލާފަށްކަމަށާ މިހާރުން މިހާރަށް ދޫކޮށްލަން ކޮމިޝަނަރު އޮފް ޕޮލިސްއަށް ގޮވާލައްވާކަަމަށެވެ.
އަދި ރައްޔިތުންގެ މަޖިިލީހުގެ މެންބަރު ހައްޔަރުކުރެވޭނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައިކަމަށާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލަށް އެދިގެންކަމަށްވީއިރު އެކަން ކޮށްފައިވަނީ އެމަގުން ނޫންކަމަށެވެ.
އެހެންކަމުން ގާސިމް އެ ހުންނެވީ ގާނޫނާއި ޚިލާފަށް ހައްޔަރުކޮށްފައިކަމަށާ މިހާރު މިހާރަށް ގާސިމް މިނިވަންކުރަންޖެހޭކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގާސިމް ހައްޔަރުކުރީ ރަނގަޅަށް ނޫންކަން ފުލުހުންނާއި ފުލުހުންގެ ގާނޫނީ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެކަމަށާ އެހެންކަމުން ހަމަ އެންމެ ހިނދުކޮޅަކަށްވެސް ގާސިމް ހައްޔަރުކޮށްފައި ނުބެހެއްޓޭނެކަމަށެވެ. އަދި ކޯޓްތަކުންވެސް މިއަދު ގާސިމް މިނިވަންކޮށް ދޫކޮށްލުމަށް އަމުރުކުރަންެޖެހޭކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
"އެހެންވީމަ ޔާމީންގެ ފޮތުން ބަލާނަމަ މިއީ އެކަންކުރި ހުރިހާ ފުލުުހުުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެކަމެއް. ޔާމީން އެ ގެންގުޅޭ ފޮތުން ބަލާނަމަ އިނގޭތޯ." ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ރައީސް ޔާމީނަށް އެންމެ އުދަގޫވާކަމަކީ ރައްޔިތުންގެ އެންމެ ތާއީދު އޮތް ލީޑަރުން އެކުގައި މަަސައްކަތް ކުރަމުންދާތީކަމަށެވެ.
އަދި އެއީ ރައްޔިތުންގެ 95 އިންސައްތަ ތާއީދު އޮތް ހަތަރު ލީޑަރުންކަމަށާ ރައީސް ޔާމީން މިހާރު ހިނގަމުންދަނީ ރަނގަޅު މަގުން ނޫންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށެވެ.
ރިޔާޒު ވިދާޅުވީ ހުރިހާ ލީޑަރުން މިއަދު އެކުގައި ނިކުންނަވާ މަސައްކަތް ފެށީ ގާނޫން އަސާސީ ފުނޑުފުނޑުކޮށްލާ މަންޒަރު ބަލަން ނުތިބެވިގެންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ