ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފީ މައްސަލަ ބަލައިގަތުމަށް އިންކާރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިގަތުމަށް ކޯޓުން އިންކާރުކޮށްފިއެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރެވޭނީ ފުލުހުން އެކަމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެދިނުމަށް އެދި ސުޕީރިއާ ކޯޓަކަށް ޕީޖީ ހުށަހެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ގާނޫނުގައި މިގޮތަށް ބަޔާންކޮށްފައި ވަނިކޮށް، މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމުގެ އަމުރު 6 އޭޕްރީލް 2017 ގައި ކްރިމިނަލް ކޯޓުން ނެރެފައިވަނީ ފުލުހުންގެ މުއައްސަސާގެ އެދުމަކަށް ކަމަށެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެމަނިކުފާނު ހައްޔަރުކުރުމުގެ އަމުރަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ނޫން ކަމަށެވެ. އެހެންކަމުން މިއަމުރަކީ ގާނޫނާ ޚިލާފު އަމުރަކަށް ވާތީ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެ އަމުރު އިސްތިއުނާފު ކުރުމަށްޓަކައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަަމަށްބުނެ ކްރިމިނަލް ކޯޓުގެ ކައުންޓަރުން އިސްތިއުނާފީ މައްސަލައިގެ ލިޔުންތައް ބަލައިގަންނަން އުޒުރުވެރިވެފައިވާ ކަމަށް ގާނޫނީ ޓީމުން ބުނެއެވެ.
"ގާނޫނުގައި ބަޔާންކޮށްފައިވާ އިޖިރާއަތްތަކާ ކަނޑައެޅިގެން ޚިލާފަށް ކްރިމިނަލް ކޯޓުން ނެރުނު މިއަމުރުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިގަތުމަށް ކޯޓުން އިންކާރުކޮށްފައިވުމީ އޮނަރަބަލް ގާސިމް އިބްރާހީމް އިންސާފު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސްއެޅޭ އަދި އެކަމާމެދު އެމަނިކުފާނު އިންތިހާއަސް ކަންބޮޑުވެވަޑައިގަންނަންވާ މައްސަލައެކެވެ" ގާސިމްގެ ގާނޫނީ ޓީމުގެ ނޫސްބަޔާނުގައި ވެއެވެ.
މީގެ އިތުރަށް ޝަރިއަތަށް މައްސަލައެއް ހުށަހެޅުމުގެ ކުރީގައި، މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް މުތާލިއާ ކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) ގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލް އަދާކުރައްވަންޖެހޭ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓިމުން ފާހަގަކުރެއެވެ. އެހެންކަމުން ގާސިމް އިބްރާހީމް ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ މައްސަލަ ބައްލަވައި، އެކަމުގައި ގާނޫނީގޮތުން ފިޔަވަޅު އަޅުއްވައިދެއްވުން އެދި ޕީޖީއަށް މިއަދު ހުށަހަޅާފައިވާ ކަމަށްވެސް ގާނޫނީ ޓީމުން ބުނެއެވެ.
މީގެ އިތުރަށް ގާސިމް އިބްރާހީމްގެ ބަންދަށް 6 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ވެސް ގާނޫނީ ޓީމުން ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ. މިއަދު މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން އެމައްސަލައިގެ ލިޔުންތައް ކޯޓުން ވަނީ ބަލައިގެންފައެވެ. މި މައްސަލަ ވީހާވެސް އަވަހަށް ބަލައިގަނެ، ގާނޫނީ ނިޒާމުގެ ތެރެއިން އިންސާފު ލިބިގެންދާނެ ކަމަށް ގާސިމް އިބްރާހީމް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެއެވެ.
6 އޭޕްރީލް 2017 ވަނަ ދުވަހުގެރޭ 7:30 ހާއިރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ ގެކޮޅު މ.މާފަންނުވިލާގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންސްފައިވާއިރު، އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 6 ދުވަސް އިތުރުކޮށްފައެވެ. ގާސިމް އިބްރާހީމާއިމެދު ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ގާނޫނީ ވަކީލުން ވެސް ދަނީ ވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ރައްޔިތުން ދަނީ އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ