ގާސިމް ބަންދުގައި ބަހައްޓަން ވެސް އަމުރެއް ނުދިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރަން ވެސް ކްރިމިނަލް ކޯޓުން އަމުރު ދިނުމަށް ދެކޮޅު ހަދައިފި އެވެ.
ގާސިމްގެ ޝަރީއަތް މިއަދު ހެނދުނު 11:30 ގައި ފެށި ނަމަވެސް ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ނޫސްވެރިންނަށް ވަދެވޭ ގޮތް ވަނީ ނުވެފަ އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ދައުލަތުގެ ދައުވާތަކަށް މިއަދުގެ އަޑުއެހުމުގައި ގާސިމް އިބްރާހީމް ވަނީ އިންކާރުކުރައްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ގާަސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިއްވުމަށްފަހު ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ގާސިމް ބަންދުގައި ބަހައްޓައިދިނުމަށެވެ. ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ގާސިމް ބަންދުގައި ބަހައްޓަންޖެހޭ ތަނެއް ނެތް ކަން ފާހަގަކުރައްވާ ގާސިމް ބަންދުގައި ބަހައްޓަން އަމުރު ނެރެދެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ.
ގާސިމްގެ ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ހިސާން ހުސައިން މިއަދު މަސައްކަތް ކުރި ނަމަވެސް ހިސާނަށް ފުރަތަމަ އެ ފުރުސަތު ދީފައެއް ނުވެ އެވެ. ނަމަވެސް ހިސާން އިއްޔެ ނޫސްވެެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައަށް މައާފަށް އެދުމުން ފަހުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތުގައި ބައިވެރިވުމަށް ހިސާނަށް ފުރުސަތު ދީފަ އެވެ. މިކަން ހިސާންވެސް މިއަދު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
ގާސިމްގެ ޝަރީއަތަށް ފަހު ކްރިމިނަލް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ މިއަދަކީ ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އުފާވީ އެމަނިކުފާނު އިސްލާހަށް ކުރައްވާ މަސައްކަތް ކާމިޔާބުވާ މަންޒަރު ކޯޓުތަކުގެ ފަނޑިޔާރުންނާއި ފުލުހުންގެ ފަރާތުން ފެންނާތީ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ކޯޓުތަކާއި ފުލުހުން ގާނޫނު ނަގަހައްޓަން މަސައްކަތް ކުރަމުންދާ ކަން ފެންނަން ފަށައިފި ކަމަށެވެ. އެހެންކަމުން އެއީ ޑިމޮކްރަސީއަށް ކުރާ މަސައްކަތުގެ އަގު ލިބުން ކަމަަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.
ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އަދި މަޖިލިސް މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވެސް ވިދާޅުވީ މިއަދުވެސް މިލިބުނީ ނަސްރެއް ކަމަށެވެ. ގާސިމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދިފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ވަހީދު ވިދާޅުވީ ޝަރީއަތުގައި ކަމަކަށް އެދުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ގާސިމް ބަންދުގައި ބަހައްޓަން ފެނިވަޑައިނުގަންނަވާ ކަަމަށް ގާޒީ ކަނޑައެޅުއްވުމަކީ ވަރަށް އިންސާފުވެރި ނިންމުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ވެސް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ. ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލާފައިވާއިރު މިދައުވާއަށް ރިޔާޒު ވެސް ވަނީ އިންކާރުކުރައްވާފަ އެވެ.
ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ވެސް ދައުލަތުން މިއަދު ވަނީ ކޯޓުގައި އެދިފަ އެވެ. ނަމަވެސް ރިޔާޒު ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ދައުލަތުން ގާސިމް އިބްރާހީމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ