ޑީޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ޤާނޫނުއަސާސީ އާއި ޚިލާފު: މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނުއަސާސީ އާއި ކަނޑައެޅިގެން ޚިލާފު އަމުރެއް ކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް އެއްވެސް އަމަލެއް ނުހިންގުމަށް ރައްޔިތުންގެ މަޖިލިހުން ސުޕްރީމްކޯޓަށް އިލްތިމާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެގޮތަށް ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް އެއްވެސް އަމަލެއް ނުހިންގުމަށް ސުޕްރީމް ކޯޓަށް އިލްތިމާސްކުރެއްވުަމށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ފާސްކުރުމަށްފަހުގައެވެ. ހަސަން ލަތީފުގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ.
ހަސަން ލަތީފްގެ އިސްލާހުގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 88 ވަނަ މާއްދާގެ ށ ގެ ދަށުން ލިބިދީފައިވާ ބާރަށް ރިޢާޔަތްކުރާއިރު 17 ޖޫން 2019 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނުއަސާސީ އާއި ކަނޑައެޅިގެން ޚިލާފު އަމުރެއް ކަމަށްވީހިނދު، ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީން މުތުލަގަށް މަތިކޮށްފައިވާ ބާރަށާއި މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް ޤާނޫނުއަސާސީ އާއި ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް ސްޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ