ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށްބުނެ އާންމުންނަށް ބަޔަކު ފޯނު ކުރަމުންދިޔަ ނަމަވެސް އެއީ ހިޔާއާ ގުޅުންހުރި ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށްބުނެ އާންމުންނަށް ބަޔަކު ފޯނު ކުރަމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
ނަމަވެސް މިއީ މިނިސްޓްރީއާ ގުޅުންހުރި ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެމިނިސްޓްރީން ނުވަތަ މިނިސްޓްރީގެ ދަށުގައިވާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުވާސަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދާ ކަމަށެވެ.
މިނިސްޓްރީގެ ނަމުގައި މިފަދަ އެއްވެސް ކަމެއް ބަޔަކު ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެމިނިސްޓްރީއާ ހިއްސާކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ނުވަތަ ޖަމްއިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމަށް ކަމަށްބުނެ ނުވަތަ އެހެންވެސް ގޮތަކުން މާލީ މަންފާ ލިބޭނެ ކަމަށް ދައްކައިގެން މަކަރާއި ހީލަތުން މީސްމީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަކީ ދޭތެރެދޭތެރެއިން ވަރަށް އާންމު ކަމެކެވެ.
މިގޮތުން އެކި ނަމްބަރުތަކަށް ރީލޯޑް އަދި ރާސްޓަސް ކުރުވުމާއި، އަމިއްލަ ފަރުދުންގެ އެކައުންޓަށް ފައިސާ ޖަމާކުރުވުން ފަދަ މައްސަލަތައް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ މީހުންގެ މަޅިން ސަލާމަތްވުމަށްޓަކައި ތިމާގެ ނަމުގައި ނަގާފައި ހުންނަ މޯބައިލް ސިމްތައް ތިމާގެ ކޮންޓްރޯލުން ބޭރުވާ ގޮތަށް އެހެން މީސްމީހުންގެ ބޭނުމަށް ނުދިނުމަށާއި، ފައިސާ ޖަމާކުރުން ފަދަ ކަންތައްތަކުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
ކުޑަކުދިންގެ ހިޔާއަށް ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ