ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޔާމީން މަޤާމުން ދުރުކުރުމަށް މައުމޫން ގޮވާލައްވައިފި

ދިވެހި ރައްޔިތުން ވޯޓު ލައިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮއްވަވާފައި ހުންނެވި، އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު މަޤާމުން ދުރުކުރެއްވުމަށް މަސައްކަތްކުރަން ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫނު އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމަށް ކުރީގެ ރައީސް ގޮވާލައްވައިފައި މިވަނީ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ބަންދުގައި ހުންނަވާތާ 1000 ދުވަސް ހަމަވުން ފާހަގަ ކުރުމަށް ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން އިތުރަށް ވިދާޅުވީ، މިހާރުން މިހާރައް ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށާއި، ކޮންމެހެން އިންތިޙާބަކަށް މަޑުކުރަން ނުޖެހޭ ކަމަށެވެ. އަދި ޤައުމު އިޞްލާޙީ މަގަށް އެޅުވޭނީ މިހާރު މިއޮތް ވެރިކަން ބަދަލުކޮށްގެންކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ.
" ކީއްކުރަންތޯ މަޑު ކުރަންވީ، އަދި ތިބުނާ އިންތިހާބަކީ ބޭއްވޭނެ އިންތިހާބެއް ކަމެއް ވެސް ނޭނގޭ، އިންތިހާބު ބޭއްވިޔަސް ނަތީޖާއަށް ވާނެ ގޮތެއް ނޭނގެ،" މައުމޫން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނު އިންތިހާބެއް ބޭއްވޭނެ ކަމާމެދު ޝައްކުކުރާއިރު، މިހާރުގެ ސަރުކާރުން ދަނީ އިންތިހާބަށް ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން މި އަހަރުގެ ބަޖެޓު ބަޖެޓު އެކުލަވާލިއިރު އިންތިޙާބަށް ފައިސާ ކަނޑައަޅައިފައިވާއިރު، ފުލުހުން މެދުކެނޑުމެއްނެތި ދަނީ ރިޔާސީ އިންތިޙާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތައްޔާރުވަމުންނެވެ.
އަދި ޝައިހް އިމްރާންގެ އިތުރުން މޭޑޭގައި ހައްޔަރުކޮށްފައިވާ އެހެން މީހުން ވެސް ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ބަޣާވާތެއް ގެންނަން ގޮވާލުމަކީ ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރާކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ