ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ވެރިކަމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އެމްޑީޕީ ނޫން ބަޔަކަށް ހައްޤު ނޫން ކަމަށް އެޕާޓީއަށް ގަބޫލު ނުކުރެވެ ކަމަށާއި، އެމްޑީޕީން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ޝަރުތު ފުރިހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.
ޤާސިމް ވިދާޅުވެފައިވަނީ މިއަދުގެ ހާލަތުން އެއްވެސް ރިސްކެއް އޮތް ކެންޑިޑޭޓަކާއި، ރަނިން މޭޓަކު ގުޅިފައިވާ ޕާޓީތަކުން ނެރުމަކީ ޖުމްހޫރީ ޕާޓީއަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާ އަދި ޖޭޕީއާއި ޤާސިމް ވެސް ހުންނެވީ ސާފު ކެންޑިޑޭޓަކާއި ގުޅޭގޮތުން އެކުގައި މަޝްވަރާކޮށް ކުރިއަށްދާން ތައްޔާރަށް ކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
މަޝްވަރާތަކަށް އެމްޑީޕީން ވެސް ހުށަހަޅަންވާނީ ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއް ވެސް ނެތް އަދި އެއްވެސް ކޯޓެއްގައި މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕްކަން ވެސް ނެތް ނަމެއް ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ސާފު ކެނޑިޑޭޓެއް ނިންމުމުގެ މަޝްވަރާއާއިއެކު ގުޅިގެން، ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ހިއްސާކުރާނެ ގޮތެއް ވެސް ނިންމަން އެދިވަޑައިގަންނަވާ ކަމަށާއި ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކާއެކު ވެސް އަދި އަމިއްލަ ކެންޑިޑޭޓެއްގެ ކެންޑިޑެންސީއާ އެކުވެސް މަޝްވަރާކޮށްގެން ޙައްލު ހޯދަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
ރިސްކު އޮތް ނަންތަކެއް ހުށަހަޅަން ގަބޫލު ކުރެވޭނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުށަހަޅާނީ ކުރީގެ ރައީސް މައުމޫން ކަމަށާއި، ނާއިބު ރައީސް ކަމަށް ރައީސް ނަޝީދު ކަމަށާއި، މަޖިލީހުގެ ރައީސަކަށް ހުށަހަޅާނީ ހުދު ގާސިމް އިބްރާހީމް ކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ.
އެ ބޭފުޅުންނަށް ތާއީދު ލިބޭނެ ކަމަށް ވިދާޅުވެ ޤާސިމް އިތުރަށް ވިދާޅުވެފައިވަނީ ހަގީގަތް ގަބޫލު ކުރަން ކިތަންމެ ދަތި ނަމަވެސް މިއަދު އެކަން ކުރެވެން ނެތް ކަމަށެވެ. އަދި އެމްޑީޕީ ނޫންބަޔަކަށް ކެންޑިޑޭޓްކަން ދޭން އެޕާޓީން އެއްވެސް ދުލެއް ނުދޭކަމަށް ވަނީނަމަ އަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނުވަތަ އެކަހަލަ ދެ ޕެއަރ ދެޕާޓީއެއްގެ ނަމުގައި އިންތިހާބަށް ކުރިމަތިލައި ފަހުން ހުރިހާކަމެއް ކްލިއަ ވީމާ އެތަނުން ޕެއަރއަކަށް އެއްބަސްވާ ގޮތަށް މިއަދު އެއްބަސް ނުވެވޭނަމަ އިތުރަށް ދައްކަން އޮތީ ކޮންވާހަކައެއްތޯވެސް ޤާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.
ޤާސިމްގެ ބަޔާނަށް ރައްދު ދެއްވާ ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރަން ކުރަމުންދާ މަސައްކަތުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ.
އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓަކީ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ޤާސިމް ވިދާޅުވެފައިވާއިރު، އެމްޑީޕީން އެކަން ޤަބޫލު ކުރުމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ޖަޒީރާ ރައީސްގެ ނަމުގައި ކުރީގެ ރައީސް ނަޝީދަށް ކެމްޕެއިން ކުރަމުން އަންނައިރު، އިދިކޮޅު ކޯލިޝަނުގެ ގިނަ ފަރާތްތަކުން ނަޝީދު ނެރެން ޤަބޫލް ނޫންކަންވެސް ފާހަގަކޮށްލެވެއެވެ.
"ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ވެރިކަމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން" - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ