"ޖޭޕީން ބޭނުންވަނީ 2018 ގެ ރިޔާސީ އިންތިޙާބަށް ޤާސިމް ނެރެން" - ރިޔާޒު

ޖުމްހޫރީ ޕާޓީގެ ހުރިހާ މެމްބަރުންވެސް ބޭނުންވަނީ 2018 ގެ ރިޔާސީ އިންތިޙާބަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކެނޑިޑޭޓެއްގެ ގޮތުގައި ނެރެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންނާއެކު، އެ ޕާޓީގެ ލީޑަޝިޕުން މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރިޔާޒު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭނަމަ އެކަން އެންމެ ޙައްޤުކަން ބޮޑީ ޤާސިމަށްކަމަށެވެ.
ރިޔާޒު މިފަދައިން ވިދާޅުވިއިރު ޤާސިމް މިވަގުތު ގެންދަވަނީ 3 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަނެއްކޮޅުން 65 އަހަރު ވެފައިވާ ބޭފުޅަކަށް ވެރިކަމަށް ކުރިމަތި ނުލެވޭނެކަމަށް ޤާނޫނު އަސާސީގައި ވާއިރު ޤާސިމްގެ އުމުރުފުޅަކީ 67 އަހަރެވެ. އެހެންކަމުން ރިޔާސީ އިންތިޙާބަށް ޤާސިމް ނެރޭނަމަ ޖެހޭނީ ޤާނޫނު އަސާސީ ބަދަލުކުރާށެވެ.
ރޭގެ ބައްދަލުވުމުގައި ރިޔާޒު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ނުކުރައްވަން ނިންމަވައި، ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހިއްޖެނަމަ، އެކަން ކުރެއްވުމުގެ ވިސްނުން ވެސް ގާސިމް ގެންގުޅުއްވާކަމަށެވެ. އަދި ގާސިމްގެ ވިސްނުންފުޅަކީ ސިޔާސީ ގޮތުން މި ގައުމަށް ރަނގަޅު ގޮތް ހޯދައިދިނުން ކަމަށާއި މީގެ ކުރިންވެސް ވަކި ބޭފުޅަކަށް ތާއީދުކޮށްގެން މަސައްކަތް ކުރެއްވި ކަން ރިޔާޒް ފާހަގަކުރެއްވިއެވެ.
ޖަލު ޙުކުމެއް އައިސްފައިވަނިކޮށް ހިތްޕުޅުގެ އާލާސްކަންފުޅެއްގައިކަމަށް ވިދާޅުވެ ސިންގަޕޫރަށް ވަޑައިގެންނެވި ޤާސިމް މިހާރު ހުންނެވީ ޖަރުމަނުވިލާތުގައެވެ.
ރިޔާޒް ވަނީ މިނިވަންކަމާއި ހަމަހަމަކަމާ އެކު، އޮންނަ ރިޔާސީ އިންތިހާބަކަށް މަގު ފަހި ކުރުމަށާއި ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ މެމްބަރުން ނިންމާ ކެންޑިޑޭޓަކަށް ފުރުސަތު ލިބޭ ރިޔާސީ އިންތިހާބެއް ބޭއްވުމަށް މިދިޔަ މާޗް 24 ގައި ހަތަރު ލީޑަރުން ގުޅިވަޑައިގެން އެއްބަސްވުމެއްގައި ސޮއި ކުރެއްވިކަން ފާހަގަ ކުރައްވައިފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގާސިމާއި ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ. މީގެ ތެރެއިން ނަޝީދާ، ޤާސިމްގެ އިތުރުން އިމްރާނަކީވެސް ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ތިން ބޭފުޅުންނެވެ.
ރިޔާޒު މީގެ ކުރިން ވިދާޅުވެފައިވަނީ ރައީސް ޔާމީން ސިއްސުވާލާވަރުގެ ކެނޑިޑޭޓަކު އިދިކޮޅު ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޙާބަށް ނެރޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ