ކަރަންޓު ބިލު ބޮޑުވާނަމަ މުދަލުގެ އަގު އުފުލަން ޖެހިދާނެ - ފުވައްމުލަކު ވިޔަފާރިވެރިން

ކަރަންޓު ބިލު ބޮޑުވާނަމަ ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި މުދަލުގެ އަގު ބޮޑު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފުވައްމުލަކު ވިޔަފާރިވެރިން ދީފިއެވެ.
ކަރަންޓު ބިލުގެ ރޭޓްތަކަށް އައި ބަދަލުގެ ސަބަބުން ކަރަންޓު ބިލަށް ދާ ހަރަދު ބޮޑުވުމާއި ގުޅިގެން އެކަމަށް ލުޔެއް ހޯދައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ފުވައްމުލަކުގެ ވިޔަފާރިވެރިން ހުށަހަޅަން ތައްޔާރުކޮށްފައިވާ ޕެޓިޝަނެއްގައި ބުނެފައިވަނީ ކަރަންޓް ބިލުގެ ރޭޓްތަކަށް އައި ބަދަލާއެކު، ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދެފިޔަވަޅެއް އަޅަން ޖެހިދާނެ ކަމަށެވެ.
އެގޮތުން ކަރަންޓް ބިލުގެ ރޭޓްތަކަށް ގެނައި ބަދަލާއިއެކު ފުވައްމުލަކުގައި ވިއްކާ މުދަލުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައުން ނުވަތަ މުވައްޒަފުންތަކެއް ވަޒީފައިން ވަކި ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
އެ ޕެޓިޝަންގައިވާ ގޮތުން މިދިޔަ މާޗު މަހުގެ ކަރަންޓް ބިލަށް ބަލާއިރު ކަރަންޓް ބިލް 50 އިންސައްތަ އަށް ވަނީ ބޮޑުވެފައެވެ. ގޮތުން 8200 ރުފިޔާ ކަރަންޓް ބިލަށް ދައްކަމުން އައި ފިހާރަތަކުން 12700 ރުފިޔާއަށް ބޮޑުވިއިރު، 2500 ރުފިޔާ ކަރަންޓް ބިލަށް ދައްކަމުން އައި ފަރާތްތަކުން 3875 ރުފިޔާ އާއި ގާތް ކުރާ އަދަދެއް ވަނީ ދައްކަން ޖެހިފައެވެ.
ވިޔަފާރިވެރިންގެ މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ބަޔަކީ އެ ރަށުގެ އާންމު ރައްޔިތުން ކަން ފާހަގަކޮށް ޕެޓިޝަނުގައި ބުނެފައިވަނީ ފިހާރަތަކުން މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމައިފި ނަމަ އެތައް އާއިލާއެއް ބިކަވެގެން ދާނެ ކަމަށެވެ.
"ކަރަންޓް ބިލަށް ގެނައި ބަދަލާއި ގުޅިގެން، ފިހާރަތަކުން މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމައިފި ނަމަ އެތައް އާއިލާއެއް ބިކަވެގެން ދާނެއެވެ. އަދި އާމްދަނީ ހޯދާނެ އިތުރު މަގެއް ނެތި، އާއިލީ އަދި އިޖުތިމާޢީ އެތައް މައްސަލަތަކެއް މިކަމުން ނިކުމެދާނެ ކަމީވެސް އަޅުގަނޑުމެން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ،" ޕެޓިޝަންގައި ބުނެފައިވެއެވެ.
ކަރަންޓު ބިލު ބޮޑުވި މައްސަލައިގައި އައްޑޫ ސިޓީ އާއި ހދ.ކުޅުދުއްފުށީގެ ވިޔަފާރިވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ