ބޮޑު މުޒާހަރާގައި ލައްކައަކަށް ވުރެ ގިނަ މީހުން ބައިވެރިވާނެ: މަދަނީ އިއްތިހާދު

"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހާރާއަށް ހުރިހާ ރައްޔިތުން ނުކުތުމަށާއި މުޒާހަރާގައި ލައްކައަކަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް މަދަނީ އިއްތިހާދާއި އިދިކޮޅު ހަ ޕާޓީން މިއަދު ބުނެފި އެވެ.
އެންއެންބީސީ ސްޓޫޑިޔޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަދަނީ އިއްތިހާދާއި، ޑީއާރްޕީ އާއި، ޕީޕީއެމާއި، އަދާލަތުޕާޓީ އާއި، ގައުމީ ޕާޓީގެ އިތުރަށް ޕީއޭގެ ފަރާތުންވަނީ ބައިވެރިވެފަ އެވެ. މަދަނީ އިއްތިހާދުން ބުނީ މުޒާހަރާ މުޅި ރާއްޖޭގައި މިމަހުގެ 23 ވަނަ ދުވަހު ބާއްވާއިރު އެ މުޒާހަރާގައި ލައްކައަކަށް ވުރެ ގިނަ މީހުން މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާނެ ކަމަށެވެ.
މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބުދުﷲ މުހައްމަދު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން ބާއްވާ މުޒާހަރައަކީ އިސްލާމް ދީނާއި ދެކޮޅަށް ހަރަކާތްތައް ހިންގާ ހުރިހާ ފަރާތްތަކާއި ސަރުކާރުން ކުރަމުންގެންދާ ކަންކަމާއި ދެކޮޅަށް ދީން ސަލާމަތްކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ވިދާޅުވީ މަދަނީ އިއްތިހާދުގައި 127 މެންބަރު ޖަމިއްޔާ މިހަރަކާތުގައި ގުޅެނެކަމަށާއި މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން ހަރަކާތުގައި ބައިވެރިވުމަށް އެދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ އިއްތިހާދުން މުޒާހަރާ ކުރަން ނިންމީ އިސްލާމް ދީން މި ގައުމުން ފޮހެލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ދެން ކުރެވޭނެ ކަމަކީ މުޒާހަރާ ކުރުން ނޫން ދެވަނަ ކަމެއް ނެތި، ގޮތް ހުސްވެގެން ކަމަށެވެ.
"އިސްލާމް ދީން މި ގައުމުން ފޮހެލަން މެދުކެނޑުމެއްނެތި ސަރުކާރުން މަސައްކަތްކުރޭ. މިގައުމަށް ލާދީނީ ފިކުރު ގެނައުމަށް މަސައްކަތް ކުރަނީ މިއީ މީގައުމުގެ ދާހިލީ މިނވަންކަން ގެއްލިގެން ދާނެކަމެއް، މިއީ ވަރަށް ނުރައްކާ ކަމެއް އެކަން ކަމުގެ ނުރައްކާ އިހުސާސް ވާތީވެ އަޅުގަނޑުމެން މިގައުމު ސަލާމަތްކުރުމަށް މިނުކުތީ،" ދީދީ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގައުމީ ޕާޓީގެ ނައިބު ރައީސް އަބުދުލް މަތީން މުހައްމަދު ވިދާޅުވީ މަދަނީ ޖަމިއްޔާތަކުން އިސް ނަގައިގެން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
ސަރުކާރުން އިސްލާމް ދީނާއި ދެކޮޅަށް ދައްކާ ވާހަކަތަކާމެދު ގައުމީ ޕާޓީގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށް ވެސް ވިދާޅުވި އެވެ. މަތީން ވިދާޅުވީ ރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، ނިމިގެން ދިޔަ ސާކް ސަމިޓުގައި ބުދު ބެހެއްޓުމާއި އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ދީނުގެ ހުކުމްތަކާ ދެކޮޅު ހަދައި ވާހަކަ ދެއްކުމަކީ ދިވެހިންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޖުމުހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުވާދު ގާސިމް ވިދާޅުވީ ސަރުކާރުން ކުރާ އިސްލާމް ދީނާއި ތައާރަޒްވާ ކަންކަމަކީ ސީދާ ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން ކުރަމުން ގެންދާ ކަންކަން ކަމަށާއި ރާއްޖޭގެ ހުރިހާ ކަމެއް ބޮއްސުލް ލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައި ރައީސް ނަޝީދު ބޭރުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު އިސްލާމް ދީން ރާއްޖެއިން ފޮހެލަން މަސައްކަތް ކުރާ ކަމަށެވެ.
"އިސްލާމްދީނާ ދެކޮޅަށް ސަރުކާރުން ހިންގާ ހަރާކަތްތަކައި ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މިހަރަކާތުގައި ބައިވެރިވުމަކީ ވަރަށް މުހިންމުކަމެއް. މުޅިރއްޖޭގެ އެންމެން މިގައުމު ސަލާމްތަކުރަންވީ ވަގުތު ޖެހިއްޖެ،" ފުވާދު ވިދާޅުވިއެވެ.
ޑީއާރްޕީގެ ނައިބް ރައީސް އިބްރާހިމް ޝަރީފް ވިދާޅުވީ ޑީއާރްޕީގެ ހުރިހާ މެންބަރުން މިހަރަކާތުގައި ބައިވެރިވުމަށް ޕާޓީން އެދޭ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ފިކުރު ތަފާތުވި ނަމަވެސް އެންމެން އެއް ފިކުރެއްގައި އެއްބައިވެ އިސްލާމްދީނުގެ ހިމާޔަތުގައި ކުރަން ޖެހުނު ކޮންމެކަމެއް ކުރުމަށް މަސައްކަތްކުރަން ސާބިތުކަމާއިއެކު ތިބި ކަމަށެވެ.
"ހުރިހާ ރައްޔިތުންގެ ކިބައިން އެދެނީ މިބޭއްވޭ މުޒާހަރާއަށް ނުކުތުމަށް. މައިމީހާ ކުދަދަރިފުޅު ގޮވައިގެން ވެސް ނުކުންނާށޭ. އޭރުންނޭ ސަރުކާރަށް މިކަމުން ދޭންޖޭހޭ މެސެޖް ދެވޭނީ،" އިމްރާން ވިދާޅުވިއެވެ.
އިމްރާން އަދި ވިދާޅުވީ ރާއްޖޭގައި އެހެން ދީންތަކަށް ޖާގަދީފިނަމަ އެކުވެރިކަމާއި އެއްބައިވަންތަކަން ނެތި ހިނގައިދާނެ ކަމަށާއި މިއަދު މިތިބީ އިސްލާމް ދީނުގެ ހިމާޔަތް ކުރުމަށް ތައްޔާރުވެގެން ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު ޑރ އަފްރާޝީމް ވިދާޅުވީ ސަރުކާރުން އިސްލާމް ދީނަށް ގޮންޖަހާ ދެއްކި ވާހަކަތައް ހުއްޓުމަށް މަދަނީ އިއްތިހާދުގެ ފަރާތުން ކުރާ މުޒާހަރާގައި ރާއްޖޭގެ ހުރިހާ މުސްލިމް ރައްޔިތުން ބައިވެރިވުމަކީ އެޕާޓީ ފަރާތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އިސްލާމް ދީން ގަބޫލު ކޮށްގެން ތިބި ކޮންމެ މީހަކު ވެސް ދީން ހިމާޔަތް ކުރުމަކީ ލިބިފައިވާ އަސާސީ ހައްގެއް ކަމުން މިދީން ހިމާޔަތް ކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ސަރުކާރުގެ ފަރާތުން މުޒާހަރަތެރޭގައި އެއްވެސް މީހަކަސް އެއްވެސް ކަމެއް ކުތރިމަތިވެއްޖެނެމަ އެކަމުގައި ގާނޫނީ ޓީމްގެ ފަރާތުން ހަރަކަތްތެރިވާނެ. އަދި އަގަކައިނުލައި ހިލޭ ގާނޫނީ އެހީތެރިކަން އެމީހަކށް ފޯރުކޮށް ދޭނަން،" ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު އިބުރާހީމް (ވައްޑޭ) ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުގެ ފަރާތުން ބުނީ މުޒާހަރާ ހުއްޓައިލާނީ މަގްސަދު ހާސިލްވުމުންކަމަށާއި މުޒާހަރާ ގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ