އަބްދުﷲ ގާޒީގެ އަރިހުގައި އެޗުއާރުސީއެމްގެ ބޭފުޅަކު ބަހައްޓަން ގޮވާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ސިފައިން ރަހީނު ކޮށްފައިވާތީ އޭނާގެ އަރިހުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗުއާރުސީއެމް) ގެ ބޭފުޅަކު ބަހައްޓައި ދިނުމަށް ޕީޕީއެމުން އެޗް އާރްސީއެމަށް މިއަދު ގޮވާލައިފި އެވެ.
މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީގުރޫޕްގެ ލީޑަރު އަބުދުﷲ ޔާމީން ވިދާޅުވީ އަބުދުﷲ ގާޒީ ގޭގައި އުޅުއްވަނިކޮށް ސަލާމަތީ ބާރުތަކުން އޭނާ ރަހީނުކޮށްގެން ގެންދިޔަ މައްސަލަ އެޗްއާރްސީއެމުން ތަންކޮޅެއް ކައިރިން ބަލަން ޖެހޭ ކަމަށާއި އޭނާގެ ހާލަތު ދުވަހުން ދުވަހަށް މީޑިޔާ އަށާއި އޭނާގެ އާއިލާ އަށް އަންގަން ވެސް ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ އަބްދުﷲ ގާޒީ އަރިހުގައި އަބަދުވެސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅަކު ހުންނެވުން. އަޅުގަނޑުމެން މި އެދެނީ އަބްދުﷲ ގާޒީގެ ކަންތައް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރަކު ބަހައްޓައިދިނުމަށް،" ޔާމިން ވިދާޅު ވިއެވެ.
ޔާމީން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ސަލާމަތީ ބާރުތަކުން ގެންގޮސްފައި ވަނީ ގަބޫލު ކުރެވޭނެ ގޮތަކަށް ނޫން ކަމަށާއި ސިފައިންގެ ރަހީނުގެ ދަށުގައި އޭނާ ހުންނަވާ އިރު ހިއުމަން ރައިޓްސްކޮމިޝަނުން އޭނާގެ ކަންތައް ރަނގަޅަށް ދާކަމަށް ބުނި ނަމަވެސް އެކަންތައް އެންމެ ރަނގަޅަށް ހިގައިދޭނެ ކަމުގެ އެއްވެސް ގެރެންޓީ އެއް ނެތް ކަމަށެވެ.
ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ މައްސަލައެއް ހުރި ނަމަ ގާނޫނީ އިމުގެ ތެރެއިން އެ މައްސލައެއް ބެލުމަށް ޕީޕީއެމުން މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް ގާނޫނާއި ގަވާއިދުގެ ބޭރުން އަބުދﷲ ގާޒީ ސިފައިން ރަހީނުކޮށްފައި ވާތީ އޭނާ ސަލާމަތްކުރުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ