އަބްދުﷲ ގާޒީގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށްބުނެ ޕީޕީއެމުން އެޗްއާރްސީއެމް ސިޓީ ފޮނުވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މޯލްޑިވްސް ޑިފެންސް ފޯހުން ހައްޔަރު ކުރުމުން އޭނާއާ އާއިލާގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށްބުނެ އެކަން ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ( އެޗްއާރުސީއެމް ) ގައި ޕީޕީއެމުން އެދިފި އެވެ.
ޕީޕީއެމުން މިކަމަށް އެދިފައިވަނީ އަބްދުﷲ ގާޒީއާ މެދު ކަން ކުރައްވަމުން ގެންދާވާ ގޮތް ބައްލަވާ ދެއްވުން އެދި ޕީޕީއެމުން މިއަދު މެންދުރުފަހު އެޗްއާރުސީއެމަށް ފޮނުވި ސިޓީއެއްގަ އެވެ.
''އަބްދުﷲ މުހައްމަދާއި އޭނާގގެ އާއިލާގެ މެމްބަރުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާތީ މިކަން ވީހާ އަވަހަކަށް ބައްލަވައި ދެއްވުން އެދެމެވެ، '' ސިޓީގައި ވެއެވެ.
ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޔުމްނާ މައުމޫނު ސޮއިކުރައްވާ ފޮނުވާއްފައިވާ ސިޓީގައި އަބްދުﷲ ގާޒީ ޑިފެންސްފޯހުން ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާއި އަދި ހައްޔަރު ކުރުމަށްފަހު އަބްދުﷲ ގާޒީގެ އާއިލާ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަން ވާނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުުރުން ޕީޕީއެމުން އަބްދުﷲ ގާޒީގެ އާއިލާގެ ހާލު ބައްލަވަމުން ގެންދާކަމަށާއި އަދި އެޕާޓީގެ ކައުންސިލް ބައެއް މެންބަރުން އަބްދުﷲ ގާޒީގެ އާއިލާގެ އަރިހަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ