ނާޒިމް ޖަލަށް ލާން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރު
މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް
ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.މިދިޔަ އަހަރުގެ ޖެނުއަރީ
މަހު ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ ޖަލަށްލާން ކުރި ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ
ހުކުމަށް ތާއީދުކޮށްފައިވަނީ ހައި ކޯޓުގައި އެ މައްސަލަ ބެެއްލެވި ތިން
ފަނޑިޔާރުންގެ އިއްތިފާގުންނެވެ.މިއަދު މެންދުރު ބޭއްވި
ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ
ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ، ހަތިޔާރު ފެނިފައިވަނީ ނާޒިމްގެ ކޮޓަރިން ކަމަށްވާއިރު، އެ ތަކެތި އެތަނުން
ފެނިފައި ވަނީ ނާޒިމް ވެސް އެ ކޮޓަރީގައި ހުއްޓާ ކަމަށެވެ. އެހެންވެ ނާޒިމްގެ
ހިޔާޒަތުގެ ދަށުގައި އެ ހަތިޔާރު ހުރީ ކަމަށް ބެލެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.އެ
ހަތިޔާރުތަކަކީ ނާޒިމަށް ލަނޑެއް ދިނުމުގެ ގޮތުން ބަޔަކު އެތަނުގައި
ބެހެއްޓި އެއްޗެއް ކަމަށް ނާޒިމްގެ ފަރާތުން ބުންޏަސް އެކަން
ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ. އަދި އެ ތަކެތި އެތަނުގައި ބެހެއްޓީ
އެތަނަށް ވަން ފުލުހުން ކަމަށް ނާޒިމްގެ ފަރާތުން ބުންޏަސް އެއްވެސް
ހެއްކެއްގެ ބަހުން އެކަން އެނގެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި
އެވެ.މިއަދުގެ އަޑުއެހުމަށް ފަހު ނާޒިމް ޖަލަށް ގެންދަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ފަނޑިޔާރު ރައޫފް ވިދާޅުވި ގޮތުގައި ހަނގުރާމަވެރި ހަތިޔާރެއް
މީހެއްގެ އަތުން ފެނިއްޖެ ނަމަ އެ އެއްޗެއް ލިބުނު ގޮތް ސާބިތުކޮށް
ދިނުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށް ރާއްޖެ ގެނައުން މަނާތަކެތީގެ
ގާނޫނުގައި ބުނެފައިވާއިރު އެއީ ކިހިނެތް، ކޮން ގޮތަކުން ލިބުނު
އެއްޗެއްކަން ނާޒިމަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ.އެގޮތަށް
ސާބިތުކޮށް ނުދެވޭ ހާލަތުގައި އެއީ އެ މީހެއްގެ އެއްޗެއް ކަމަށް ބެލެވޭ
ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަނީ އެ އުސޫލުން
ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ އެންމެ މަތީ ކޯޓް، ހައުސް އޮފް
ލޯޑްސް އިން ނިންމާފައިވާ ގަޒިއްޔާއެއް އޭގެ މިސާލެއްގެ ގޮތުން ފަނޑިޔާރު
ފާހަގަ ކުރެއްވި އެވެ.މިއަދުގެ އަޑުއެހުމަށް ފަހު ނާޒިމް ޖަލަށް ގެންދަނީ: --ހަވީރު ފޮޓޯ/މުހައްމަދު ޝަރުހާން ފަނޑިޔާރު
އިތުރަށް ވިދާޅުވީ ނާޒިމްގެ ގެއަށް އެހެން ބަޔަކަށް ވަދެވުމުގެ ފުރުސަތު
އޮތަސް އެއިން ކޮންމެ މީހަކީ ވެސް ނާޒިމްގެ އާއިލާގެ ހުއްދަ ލިބިގެން
އެގެއަށް ވަނުމުގެ ފުރުސަތު އޮންނަ ބައެއް ކަން އެ މީހުންގެ ބަހުން އެނގޭ
ކަމަށެވެ. އަދި އެ މީހުން ވަންނަ ފަހަރުތަކުގައި ވެސް ނާޒިމްގެ ކޮޓަރި އަށް
އެއިން މީހަކު ވަދެފައިވާ ކަން އެނގެން ނެތް ކަމަށް ފަނޑިޔާރު ރައޫފް
ވިދާޅުވި އެވެ.މީގެ އިތުރުން ނާޒިމަކީ އެފަދަ ހަތިޔާރުތައް
ދެނެގަނެ، އެ ތަކެތި ބޭނުން ކުރުމުގެ ގާބިލްކަން ލިބިފައިވާ ބޭފުޅަކަށް ވާއިރު،
ފޮރެންސިކް ހެއްކެއް ނާޒިމާ ދެކޮޅަށް ލިބިފައި ނެތުމަކީ އެ ހަތިޔާރުތަކާ
ނާޒިމާއި ގުޅުން ނެތްކަން ދަލީލުކޮށްދޭނެ ކަމެއް ނޫން ކަމަށް ވެސް
ފަނޑިޔާރު ވިދާޅުވި އެވެ.ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ
ހުކުމް އިއްވުމުގެ މަޖިލީހުގައި ހުކުމް އިއްވީ ދެ ފަނޑިޔާރަކު
ބަހާލައިގެންނެވެ. ހުކުމުގެ ފުރަތަމަ ބައި ފަނޑިޔާރު އަބްދުﷲ ހަމީދު
އިއްވެވިއިރު، ބާކީ ބައި އިއްވީ ފަނޑިޔާރު ރައޫފެވެ.ހުކުމުގެ މުހިންމު ނުކުތާތައް:ހަތިޔާރުތައް ހުރީ ނާޒިމްގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ބަލަންޖެހޭއެއީ އެހެން ބަޔަކު ބެހެއްޓި އެއްޗެއް ކަން ނާޒިމަށް ސާބިތުކޮށެއް ނުދެވޭނާޒިމްގެ އެއްޗެއް ނޫންކަން ސާބިތުކޮށް ދިނުމަކީ ނާޒިމްގެ ޒިންމާއެއް، އެކަމެއް ނާޒިމަށް ނުކުރެވޭހެކިންނަށް ނުފޫޒު ފޯރާފައިވާ ކަމަށް ނުބެލެވޭނާޒިމަށް ދަށު ކޯޓުން އެކަށީގެންވާ ވަގުތާއި ފުރުސަތު ދިންނާޒިމްގެ ބައެއް ހެކިން ހާޒިރު ނުކުރަން ނިންމި ނިންމުން ގޯހެއް ނޫން ދަށު
ކޯޓުގައި ޝަރީއަތް ހިނގިއިރު އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައި
ނެތް ކަމަށް ނާޒިމްގެ ފަރާތުން ހުށަހެޅި ނުކުތާ އާއި ނާޒިމްގެ ދިފާއީ
ހެކިން ހާޒިރުކޮށްފައި ނެތް ކަމަށް އޭނާގެ ފަރާތުން ފާހަގަ ކުރި ނުކުތާގެ
އިތުރުން ހެކިންނަށް ދައުލަތުން ނުފޫޒު ފޯރުވި ކަމަށް ބުނެ ނާޒިމްގެ
ފަރާތުން ހުށަހެޅި ނުކުތާ ވެސް ނިންމީ ނާޒިމާ ދެކޮޅަށެވެ. އެ
ނުކުތާތަކާ މެދު ފަނޑިޔާރު ހަމީދު ވިދާޅުވީ ދައުލަތުގެ ހެކިވެރިންނަށް
ނުފޫޒު ފޯރުވުމުގެ އަމަލެއް ހިންގާފައިވާ ކަން އެނގެން ނެތް ކަމަށާއި އެ
މީހުން ހެކިބަސް ދިނުމުގެ ކުރިން، އެ މީހުން ތަހުގީގުގައި ދިން ބަޔާން އެ
މީހުންނަށް ދެއްކުމަކީ ނުފޫޒު ފޯރުވުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި
އެ މީހުން ވެސް ހެކިބަސް ދިނީ ހުވާކޮށްގެން ތިބި ކަމަށްވާއިރު އެ މީހުންގެ
ހެކިބަހުގައި ދޮގު ހަދާފައިވާ ކަން އެނގެން ނެތް ކަމަށް ވެސް ފަނޑިޔާރު
ހަމީދު ވިދާޅުވި އެވެ.ނާޒިމްގެ ފަރާތުން ހުށަހެޅި ބައެއް ހެކިން
ހާޒިރުކޮށްފައި ނެތް މައްސަލާގައި ފަނޑިޔާރު ވިދާޅުވީ ހުށަހަޅާ ހެކިން
ހާޒިރު ކުރުމަކީ ފަނޑިޔާރުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި
ހެކިވެރިއަކު ހާޒިރު ނުކުރަން ނިންމާ ސަބަބަކީ އެކަށީގެންވާ ސަބަބެއް ނެތް،
އެއީ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން ނާޒިމްގެ ދިފާއީ ބައެއް ހެކިން
ހާޒިރު ނުކުރަން ދަށު ކޯޓުން ނިންމި ސަބަބު ރަނގަޅު ކަމަށް ވެސް ފަނޑިޔާރު
ހަމީދު ވިދާޅުވި އެވެ.ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދުގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު އަލީ ސަމީރެވެ. ހުކުމް
އިއްވި މަޖިލިސް ނިންމާލުމަށް ފަހު ނާޒިމް ކޯޓު ރޫމުން ނިކުމެ
ވަޑައިގަތްއިރު ވެސް އޭނާ ހުރީ ހިނިތުންވެ ވަޑައިގެންނެވެ. އެވަގުތު
އާއިލާގެ ބައެއް މެމްބަރުން ނުރުހުން ފާޅު ކުރަމުން ދިޔަޔަސް ނާޒިމް ދިޔައީ
ހިނިތުންވެ ހުންނަވައިގެން އާއިލާގެ މެމްބަރުންނާއި ގާތް ބޭފުޅުންނާ
ސަލާމް ކުރައްވަމުންނެވެ.މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި
ނާޒިމްގެ އެޕާޓްމެންޓަށް ފުލުހުން ވަދެ، އެތަނުން ހަތިޔާރު ފެނުނު
މައްސަލަ ފެންމަތިވުމާ އެކު އޭގެ ދެ ދުވަސް ފަހުން ނާޒިމް ވަނީ އޭރު އޭނާ
އަދާ ކުރައްވަމުން ގެންދެވި ޑިފެންސް މިނިސްޓަރުކަމުން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ