އިހަވަންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ހުޅުވަން ޖެހިއްޖެ

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ އިހަވަންދޫ ދާއިރާގެ މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށި އަލުން ހުޅުވަން ޖެހިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޝަކީލު މިއަދު ވިދާޅުވި ގޮތުގައި އެ ފޮށި ހުޅުވަން ޖެހުނީ ވޯޓުގެ ނަތީޖާ ޝީޓް ފެންނަން ނެތިގެން ކަމަށެވެ. ކެންޑިޑޭޓުންގެ މަންދޫބުންނާއި މީޑިއާގެ ކުރިމަތީގައި އެ ފޮށި ކަނޑާނީ މިރޭ 8:30 ގަ އެވެ.
"އެ ފޮށީގެ މައްސަލައަކަށް ދިމާވީ ނަތީޖާ ޝީޓް ބަންދުކޮށްފައި އޮންނަންޖެހޭ ސީލްކޮށްފައިވާ ސިޓީ އުރަ ކެނޑިއިރު، އޭގެ ތެރޭގައި ނަތީޖާ ޝީޓް ނެތުމުން. ފަހަރެއްގެ އެ ޝީޓް، ވޯޓް ކަރުދާސްތައް ބަންދުކޮށްފައި ހުރި ސިޓީ އުރައިގެ ތެރޭގައި ވެސް އޮވެދާނެ. އެހެންވެ އަޅުގަނޑުމެން އެ ފޮށި ކަނޑަން ނިންމީ،" ޝަކީލް ވިދާޅުވި އެވެ.
އެ ފޮށީގެ ވޯޓު ކަރުދާހާއި ލިޔެކިޔުންތައް ބަންދުކޮށްފައިވާ އުރަތަކުގެ ތެރޭގައި ނަތީޖާ ޝީޓް ނެތް ނަމަ މިރޭ އެ ފޮށީގެ ނަތީޖާ އަލުން ގުނާނެ ކަމަށް ވެސް ޝަކީލު ވިދާޅުވި އެވެ.
މިއީ މައްސަލައެއް ދިމާވެގެން، މި ފަހަރުގެ ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު ފޮއްޓެއް ކަނޑާ ފުރަތަމަ ފަހަރެވެ. މި ފޮށީގެ އިތުރުން އެހެން ފޮއްޓެއް އަލުން ހުޅުވަންޖެހޭ ފަދަ މައްސަލައެއް ކޮމްޕްލެއިން ބިއުރޯއިން ކޮމިޝަނަށް ފޮނުވާފައި ނެތް ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގެ ހުރިހާ ނަތީޖާ އަށް އަލުން ޗެކްކޮށް ނުނިންމެ އެވެ. މި ފަހަރު 17،000 ނަތީޖާ ޝީޓް އޮތްއިރު، މިހާތަނަށް ސާފުކުރެވިފައިވަނީ އޭގެތެރެއިން 60 ޕަސެންޓް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ