އަމިއްލަ އެދުން އިސްކޮށް އެހެން މީހުން ނިކަމެތި ނުކުރުމަށް ގާސިމް ގޮވާލައްވައިފި

އަމިއްލަ އެދުން އިސްކޮށް، އެހެން މީހުން ނިކަމެތި ކުރުމުގެ ސިޔާސަތު ނުގެންގުޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިިފި އެވެ. ޖުމްހޫރީ ދުވަހާ ގުޅިގެން ގާސިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގައުމު ހެޔޮ ގޮތުގައި ހިނގާނީ އަމިއްލަ އެދުން އިސްނުކޮށް އިހްލާސްތެރިކަމާއެކު މަސައްކަތްްކޮށްގެން ކަމަށެވެ. "އަމިއްލަ އެދުން އިސްކުރުމާ، ތިމާގެ ބައި މީހާ އަށް މޮޅު ގޮތް ހޯދައިދިނުމާ، ދެން ތިބީން ނިކަމެތިކޮށްލުމުގެ ސިޔާސަތު ނުހިންގުމަށް ޤައުމުގެ އެންމެހައި މަސްއޫލު ފަރާތްތަކަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. ޖުމްހޫރީ ދުވަހުގެ ހަޤީޤީ އުފަލާ ފޮނިމީރުކަން އެއްވެސް ތަފާތުކުރުމެއް ނެތި އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް އަޅުގަނޑު ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ. ގައުމު ތަރައްގީ ކުރުމުގެ ނިޔަތުގައި ބޮޑެތި މަޝްރޫއުތައް ހިންގިދާނެ ކަމަށާއި ނަމަވެސް ގައުމުގެ ކަންކަން ހެޔޮ މަގުން ހިނގާނީ ގައުމުގެ އެކި ކަންކަމާ ހަވާލުވެ ތިބި އެންމެން އެކީ އެއް ނިޔަތެއްގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށް އެ ބަޔާނުގައި ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ކުލަކުލައިގެ ޤާނޫނު އަސާސީތަކާ އެކި ނަންނަން ކިޔާ ޤާނޫނުތައް ދެކޭން ތިބި ބަޔަކު ހައިރާންވާހައި މޮޅަށް ލިޔެ އެކަށައެޅިދާނެ އެވެ. އަދި ގައުމު އިސްލާހުކުރުމާ ގައުމު ތަރައްގީކުރުމުގެ ނަމުގައި އެތައް އެތައް ކަމަކާ މަޝްރޫއެއް ރާވައި ތަންފީޒުކުރުމާއިގެން ވެސް ކުރިއަށް ދެވިދާނެ އެވެ. އެހެން ނަމަވެސް ގައުމު އިސްކުރުމުގެ އަމާޒާ، ރައްޔިތުންނަށް މަންފާހުރި ހިދުމަތެއް އަމާނާތްތެރިކަމާއެކު ދިނުމުގެ ހެޔޮ ނިޔަތް އަޅުގަނޑުމެންގެ ކިބައިގައި ނެތިއްޔާ، މި ގައުމުގެ މިއަދަށާ މާދަމާއަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ އެވެ." އޭގެ އިތުރުން ޖުމްހޫރީ ދުވަހުގެ ހަގީގީ އުފަލާ "ފޮނިމީރުކަން" އެއްވެސް ތަފާތުކުރުމެއް ނެތި އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ