ފެބުރުއަރީ 7 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށް ނެޝެނަލް އިންކުއަރީ ކޮމިޝަނުން ކަނޑައަޅައިފި ނަމަ އެކަން ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ކަމަށް ކޮމިޝަނުން ކަނޑައަޅައިފި ނަމަ އެމްޑީޕީއާ އަލުން ވެރިކަން ހަވާލުކުރަން ޖެހޭނެ ކަމަށް ބުނެ ޕާޓީތަކުގެ ޖަވާބަކަށް އެ ޕާޓީން އެދިފައިވާތީ އެކަމަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ ވެރިކަން ބަދަލުވި ގޮތުގެ މައްޗަށް ބަލައި ކޮމިޝަނުގެ ރިޕޯޓު ނެރޭނީ "އެއީ ބަޣާވާތެއް ނޫން" ކަމަށް ކަން އޭނާ ޔަގީންކުރައްވާ ކަމަށެވެ. އެކަމަކު ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށް ދޭހަވާ މޭރުމަކުން އެއްވެސް ކަމެއް ރިޕޯޓުގައި ހިމަނައިފި ނަމަ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅަން އެބަޖެހޭ [ފެބުރުއަރީ 7 ގައި] ހިނގައިދިޔަ ކަންކަމަކީ ކޮބައިކަން. އަޅުގަނޑުމެން އެއްވެސް ކަމެއް ނެތް މިކަމާ ގުޅިގެން ރާވައިފައެއް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު ހިނގައިދިޔަ ކަންކަން ރާއްޖޭގެ އެއްވެސް މީހަކަށް އޮޅިފައި ނުވާ ކަމަށާއި އެކަން ހިނގައިދިޔައީ ޓީވީތަކުން ލައިވްކޮށް އެންމެންގެ ކުރިމަތީގަ އެވެ.
"ކޯނީގެ ނިންމުން އެ ހިނގާދިޔަ ކަންތައްތަކަށް ބަލާފައި ބަޣާވާތެއް ކަމަށް ކަނޑައަޅާނެ އެއްވެސް ތަނެއް ނޯންނާނެ ކަމަށް އަޅުގަނޑު ދަންނަވަން. ދެން އަޅުގަނޑު ދަންނަވާނީ އެމްޑީޕީން ވަރަށް ބޮޑަށް މާނަކުރަމުން ގެންދޭ ކޯނީއަކީ ހަތެއް ފެބުރުއަރީއާ ގުޅޭގޮތުން ހުކުމެއް ކުރާ ތަނެއްގެ ގޮތުގައި. ދިވެހި ރާއްޖޭގައި ހުކުމް ނެރުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ޖުޑިޝަރީ އަށް،" އުމަރު ވިދާޅުވި އެވެ.
އިންކުއަރީ ކޮމިޝަނުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެއީ ހުކުމަކަށް ނުވާނެ ކަމަށާއި އެ ނިންމުން ވާނީ ވެރިކަން ބަދަލުވިގޮތާ ގުޅޭގޮތުން އެ ކޮމިޝަނުން ދެކޭގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއަކަށެއް [ކޯނީގެ ނިންމުމަށް] ބަރޯސާއެއް ނުކުރެވޭނެ ގައުމެއްގެ ވެރިކަން ނިންމުމުގައެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ފެބުރުއަރީ 7 އާ ގުޅޭގޮތުން ހުކުމެއް ކަނޑައެޅުން ނުވަތަ ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ސްޕްރީމް ކޯޓަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭ، އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ވެރިކަން އަލުން އިއާދަކުރަން ޖެހޭނެ ކަމަށް ބުނެ ނިންމި ނިންމުމަކީ "ހެއްވާ ކަމެއް" ކަމަށެވެ. ރާއްޖޭގެ ގާނޫނުގެ ތެރެއިން ވެރިކަން އަލުން އިއާދަކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަން އެނގިތިބެ އެގޮތަށް ނިންމުމަކީ މެމްބަރުންނަށް ގާނޫނު އަސާސީ އެނގިވަޑައިނުގަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ކޮމިޝަނުގެ ރިޕޯޓުގައި ބަޣާވާތެއް ކަމަށް ކަނޑަނާޅާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް "ބަޣާވާތެއް" ކަމަށް ކަނޑައަޅާނެ ކަމަށް ދައްކާ ވާހަކަތަކަކީ ޕާޓީގެ ހަރަކާތްތައް ހިންގަން މެމްބަރުން ހިފަހައްޓަން ޖަހާ "އިންޖެކްޝަނެއް" ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އެމްޑީޕީން ބާއްވާން ނިންމާފައިވާ ޖަލްސާއަކީ ވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ދައްކަން ކުރާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރު ވެސް ޖެހިލުންވެ ކަންބޮޑެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ކަނޑައަޅައިފި ނަމަ ސުޕްރީމް ކޯޓަށް ދާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ