ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އުމަރު ނަސީރު ފޯމު ހުށަހަޅުއްވައިފި

އަންނަ މަހު 30 ގައި ބާއްވަން ހަމަޖައްސާފައިވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރު މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
ރިޔާސީ ޕްރައިމަރީ އަށް އުމަރު ފޯމު ހުށަހެޅުއްވިއިރު، އޭނާގެ ބަދަލުގައި ޕްރައިމަރީގައި ވާދަކުރައްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އިލްޔާސް އިބްރާހީމް ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އާޓިފިޝަލް ބީޗުގައި މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި އުމަރުގެ ކެމްޕޭން ޖަލްސާގައި އިލްޔާސް ވިދާޅުވެފައި ވަނީ ގިނަ ބަޔަކު ހުށަހެޅި ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވަން އޭނާ އަދި ތައްޔާރެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު އަދި ޔޫތު މިނިސްޓަރުގެ ޓެކްނިކަލް އެޑްވައިޒަރު މުހައްމަދު ތޮލާލް ވިދާޅުވީ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވައި އުމަރު ފޯމު ހުށަހަޅުއްވާފައި ވަނީ މިއަދު މެންދުރު ފަހު ކަމަށެވެ. ރިޔާސީ ޕްރައިމަރީ އަށް އުމަރުގެ އިތުރުން އަދި އެއްވެސް މީހަކު ކުރިމައްޗެއް ނުލަ އެވެ.
"އަޅުގަނޑުމެންނަށް އަދި ލިބިފައި ވަނީ އުމަރު ނަސީރުގެ ފޯމު އެކަނި،" ތޮލާލް ވިދާޅުވި އެވެ.
އުމަރުގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް އަބްދުﷲ ޔާމީން އެވެ. ޔާމީން މިވަގުތު ހުންނެވީ ކެމްޕޭނަށް އަތޮޅުތެރޭގަ އެވެ.
ރިޔާސީ ޕްރައިމަރީ އަށް އުމަރާއި ޔާމީން ކެމްޕޭން ކުރައްވަމުން އަންނައިރު، އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މައުމޫން އިއްޔެ ވަނީ ޕްރައިމަރީގައި އެމަނިކުފާނު ވާދަނުކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ.
ވާދަވެރި ކެމްޕޭންތަކެއް ކުރިއަށްދާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ