ސިޔާސީ އަދި އިޖުތިމާއީ ހަލަބޮލި ކަމެއްގެ ތެރެއަށް ގައުމު ވެއްޓެން ދޫކޮށެއް ނުލާނަން: ގާސިމް

ސިޔާސީ އަދި އިޖުތިމާއީ ހަލަބޮލިކަމެއްގެ ތެރެއަށް ގައުމު ވެއްޓެން ދޫކޮށް ނުލައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.  ޖުމްހޫރީ ޕާޓީގެ ހަ ވަނަ އަހަރީ ދުވަހާ ގުޅިގެން މެމްބަރުންނަށް ތަހުނިޔާ ފޮނުއްވައި ގާސިމް ނެރުއްވި ކުރު ބަޔާނުގައި ވިދާޅުވީ އެ ޕާޓީ އުފައްދާފައި ވަނީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ދީ، ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލާޒިމްކޮށްދޭ ހައްގުތައް ފުރިހަމަ އަށް ހޯދައިދިނުމަށް ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމްކޮށް، ގާނޫނުގެ ވެރިކަން ނަގަހައްޓައި ތަރައްގީ އާއި ތަހުޒީބުގެ މަގުތައް ރައްޔިތުންނަށް ފަހިކޮށްދީ ހުރިހާ މާނައެއްގައި ވެސް ގައުމަށް ހެވާއި ލާބަ ހޯދައި ދިނުމަކީ ޕާޓީގެ މަގްސަދު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ އުފެއްދި މަގްސަދުތައް ހާސިލްކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް ހިތްމަތާއެކު އެ ޕާޓީން މަސައްކަތް ކުރާނެ އެވެ. ގައުމުގެ މަސްލަހަތަށްޓަކައި، އަދި ރައްޔިތުންގެ އުފާ ފާގަތިކަމަށްޓަކައި ކުރަންޖެހޭ ކުރާ މަސައްކަތްތަކެއް ވެސް ސާބިތުކަމާއެކު އެ ޕާޓީން ކުރަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައި ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ