ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން ބުނި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވަނީ ފުލުހުންނަށާއި ކްރިމިނަލް ކޯޓަށް އެރި އޮޅުމެއްގެ ތެރެއިން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހައިކޯޓުން ކުރި އަމުރަކާއި ގުޅިގެން ގާސިމް މިއަދު މިނިވަންވެފައިވާއިރު، ނޫސްވެރިންނާއި ބައްދަލު ކުރައްވާ ގާސިމް ވިދާޅުވީ، މި ކަންތައްތައް ހިނގައި ދިޔައީ ފުލުހުންނަށްވެސް އަދި ކްރިމިނަލް ކޯޓަށްވެސް އެރި އޮޅުމެއްގެ ތެރެއިން ކަމަށާއި އެކަމާމެދު އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށެވެ.
" އެއީ އިމްތިޔާޒް ގާނޫނުގެ ވަރަށް ގިނަ މާއްދާތަކެއް އުވާލެވިފައި ހުރީމަ އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބާ ތައާރަޒް ވާތީ ސްޕްރީމް ކޯޓުގެ 2013 ވަނަ އަހަރު އުނި ކުރެވިފައިވާ ބައިގައި މި މާއްދާ އޮތީ އުނި ނުކުރައްވައި. ޕްރޮސެކިއުޓާ އޮފީހުން ވެސް ހައިކޯޓުގައި މިއަދު ވިދާޅުވި ދައުލަތުން އޮތީ މިސްޓޭކެއް ހެއްދެވިފައި ކަމަށް. އަޅުގަނޑު ދަންނަވާނީ ވަރަށް އިންސާފުންނޭ، ރަނގަޅަށޭ އެކަންތައް އެދިޔައީ ކްރިމިނަލް ކޯޓުން ވެސް އަދި މި ކޯޓުންވެސް" ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، އެއްވެސް ހެއްކެއް ނެތީސް ހެކި ހޯދުމަށް ހަ ދުވަހުގެ ބަންދެއް ޖެހުމަކީވެސް ބަލައިގަންނަ ކަމެއް ކަމަށެވެ. އެއީ ކުރިމިނަލް ކޯޓުގެ ގާޒީ ގޯސްކޮށް ނިންމެވި ނިންމުމެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ފުލުހުންގެ އުސޫލުތަކާއި ގަވާއިދުތައް ހަރުކަށި ނަމަވެސް، ވަރަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ބަންދުގައި ހުންނެވި އިރު ފުލުހުން ވަރަށް ރަނގަޅަށް އަމަލުކޮށްފައިވާކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ.
މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންގެ ވިސްނުމަށް ވަރަށް އެދެވޭ ބަދަލު ތަކެއް އައިސްފައިވާ ކަމަށާއި އެކަމާއި ވަރަށް އުފާ ކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެގޮތުން އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި އަޚުލާގީ އަދި ސުލޫކީ ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަ ކުރެއްވިއެވެ.
ގާސިމް މިއަދު ދޫކޮށްލިނަމަވެސް ރިޝްވަތު ހުށަހަޅަން އުޅުމާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާކޮށް، ޕީޖީން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި މި މައްސަލަތަކުގެ ޝަރީއަތް މާދަމާ ހެނދުނު 11:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ހައްޔަރުކުރީ ފުލުހުންނާއި ކޯޓަށް އެރި އޮޅުމެއްގެ ތެރެއިން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ