ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓުން ނުބެލުމުން ހަމަހަމަކަން ގެއްލޭ: ދައުލަތް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބޭފުޅުންތަކެއްގެ މައްސަލަ ހުޅުމާލޭ ކޯޓުން ނުބަލައި އަނބުރާ ފޮނުވާލުމުން ހަމަހަމަކަން ގެއްލޭ ކަމަށް ދައުލަތުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.
އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ އަށް ބިރުދައްކައި ގަޒްފުކުރި މައްސަލައެއް ހުޅުމާލޭ ކޯޓަށް ބަލައިގަނެ މިހާރު ވެސް އެ ކޯޓުގައި ޝަރީއަތް ހިނގަމުންދާ ކަމަށެވެ. އަދި އެ މައްސަލައާ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާއާ ދެ މައްސަލައަކީ އެއް ބާވަތެއްގެ ދެ މައްސަލައެއް ކަމަށްވާ އިރު ގަޒްފުކުރި މައްސަލަ ބަލައިގަނެ، އަބްދުﷲ ގާޒީ ބަންދުކުރި މައްސަލަ ނުބެލުމުން ހަމަހަމަކަން ގެއްލޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ އަށް ގަޒްފުކުރި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅުމަށް ސުޕްރީމް ކޯޓުން ކުރިން ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ވެސް އަބްދުﷲ ގާޒީގެ މަސްލަހަތު ހިމެނޭތީ އެ މައްސަލަ ވެސް ހުޅުމާލޭ ކޯޓަށް ހުށަހެޅީ ކަމަށް ދައުލަތުން ބުންޏެވެ.
ވަކީލް ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ގާނޫނަށް ބަލާއިރު އެ މައްސަލަ ހުޅުމާލޭ ކޯޓަށް ބެލޭނެ އެވެ. އެއީ ހުޅުމާލޭ ކޯޓަކީ މާލޭ ދާއިރާގައި ހިމެނޭ ކޯޓެއް ކަމަށްވެފައި އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލަން ނިންމާފައިވާ މީހުންނަކީ މާލޭ ދާއިރާގައި ދާއިމީ އެޑްރެސް ހިމެނޭ މީހުން ކަމަށްވާތީ ކަމަށް ވަކީލް ވިދާޅުވި އެވެ.
މީގެ އިތުރުން އެ މައްސަލައިގައި ދައުލަތުން އުފުލާ ދައުވާއަކީ ވެސް ކޯޓުތަކުގެ ގާނޫނަށް ބަލާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭ ބާވަތުގެ ދައުވާގެ ތެރޭގައި ހިމެނޭ ދައުވާއެއް ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
އެހެންކަމުން އެ މައްސަލަ ހުޅުމާލޭ ކޯޓަށް ނުބެލޭނެ ކަމަށް، އެ ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ވަނީ އެދިފަ އެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިއާސަތުގައި އިންނެވި ފަނޑިޔާރު ޔޫސުފް ހުސައިން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރުކަމެއް ސާފުކުރަންނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ޔޫސުފް ހުސައިންގެ އިތުރުން އިސް ފަނޑިޔާރު އަހުމަދު ޝަރީފާއި ފަނޑިޔާރު އަލީ ސަމީރެވެ.
އެ ބާވަތުގެ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތެއް ނޯވެ އެވެ. މީގެ ކުރިން ވެސް ހައި ކޯޓުން ވަނީ އެ ފަދަ މައްސަލައެއް ނިންމާފަ އެވެ. އޭރު ނިންމާފައިވަނީ ކުޑަކުދިންގެ ކޯޓުން މަރުގެ މައްސަލައެއް ބަލައިނުގަތުމުން އެ ނިންމުމެވެ.
އަބްދުﷲ ގާޒީގެ ބަންދުކުރި މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެ އެވެ. އަދި އެ ނިންމުން އަލުން މުރާޖައާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެދުމުން ވެސް އެ ކޯޓުން ބުނެފައިވަނީ އެ ނިންމުން ބަދަލުނުކުރެވޭނެ ކަމަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުވާކުރަން ފޮނުވީ އެ މަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ.
އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށެއްނުކުރާ މީހަކު ގާނޫނާ ހިލާފަށް ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ