މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހުގެ ފަހުން: މެޓް

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ޑިޕާޓްމަންޓް އޮފް މިޓިއޮރޮލޮޖީ (މެޓު)ން މިއަދު ބުނެފި އެވެ.
މެޓުން ބުނީ މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މި ވިއްސާރާގައި ވައިގަދަވެ ގިނަ އަދަދަކަށް ވާރޭ ވެހޭނެ ކަމަށެވެ. ފާއިތުވި ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދަށް ގިނައިރުތަކެއް ވަންދެން ބޯކޮށް ވާރޭ ވެހިފައި ވެ އެވެ. އަދި ބައެއް ވިލާގަނޑުގައި ކަނޑު ވެސް ގަދަވެފައި ވެ އެވެ. ބުރާސްފަތި ދުވަހާއި އިއްޔެ މާލެ އަށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެސް ވެ އެވެ.
މި މަހުގެ ތެރޭގައި ރާއްޖެ އަށް ކުރި ވިއްސާރާގައި ބޮޑެތި ގެއްލުންތައް ވެފައި ވެ އެވެ. މި ގޮތުން ބައެއް އުޅަނދުފަހަރު އަޑިއަށް ދިއުމާއި ފަރަށް އެރުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެ އެވެ. ނަމަވެސް މި ހާދިސާތަކުގައި މީހަކަށް ގެއްލުންވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ