ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުފޫޒުގެ ދަށުވެ ތިއްބަވައިގެން، ހިތުހުރި ގޮތަކަށް ހުކުމްކުރަމުން އަންނަ ކަމަށް ބުނެ އެ ކޯޓުގެ ބެންޗު ބަދަލުކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން މިއަދު މާލޭގައި މުޒާހަރާކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި މުޒާހަރާ އުސް ފަސްގަނޑުން ފަށައި، ސުޕްރީމް ކޯޓު ދޮށަށް އެއްވެ، މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލައިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ އިތުރުން ފަނޑިޔާރުން ބޭރުކުރުމަށް މުޒާހާރާގައި ވަނީ އަޑުއުފުލައިފަ އެވެ. އެ ކޯޓުގެ ފަނޑިޔާރުންނަކީީ "ހުރިހާ ބާރުތަކެއްގެ މައްޗަށް ވެރިވެ" އަދި "ރިޝްވަތު ނަންގަވާ" ބޭފުޅުން ކަމަށް ވެސް ތުހުމަތުކޮށް، މުޒާހަރާގައި ތަފާތު ލިއުންތައް ގެންގުޅެފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ބުނީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތައް ވެސް ސުޕްރީމް ކޯޓުން ބޭނުންގޮތަކަށް ނިންމައި، މަޖިލީހަށް ހުރަސްއަޅައި މަޖިލީހުގެ ބާރުކަނޑުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހަންމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ މައްސަލަ ހިމެނެ އެވެ. އަދި އެ ހުކުމަށް މުޒާހަރާގައި ވަނީ ފާޑުކިޔައިފަ އެވެ.
ގާނޫނު އަސާސީގެ ބާރުކަނޑުވާލައި ހުރިހާ ބާރުތަކެއްގެ މައްޗަށް ވެރިވެގަތުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުކޮށްފަ އެވެ. އެ މުޒާހަރާގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރިއަށް ދިޔައިރު ފުލުހުން ތިބީ ޝީލްޑާއެކު އެ ސަރަހައްދު ބަންދުކޮށްގެންނެވެ. އެމްޑީޕީން އެ ސަރަހައްދުގައި އަޑުއުފުލުމަށް ފަހު ، އެކި މަގުތަކުން ހިނގާލައި މުޒާހަރާ ނިންމާލާފައި ވަނީ އުސ ްފަސްގަނޑަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ