ހުޅުމާލޭ ކޯޓުގެ ބެންޗް އެކުލަވާލަން ވޯޓް ދިނުމަކީ ގާނޫނީ ގޮތުން މައްސަލައެއް ނޫން: ގާސިމް
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްސަލަ ބަލާ ހުޅުމާލޭ ކޯޓްގެ ބެންޗު އެކުލަވާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވޯޓު ދެއްވީ، ގާނޫނީ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް އަދި ނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެ ކޮމިޝަންގައި އިންނަވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އޭނާގެ އިތުރުން ނަޝީދަކީ ވެސް ގާނޫނީ ގޮތުން ރިޔާސީ ކެންޑިޑޭޓެއް ނޫން ކަމަށެވެ. ގާނޫނީ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އިލެކްޝަން ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކުރުމުން ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް ވިދާޅުވި އެވެ."...އެ ދުވަހު ގާނޫނާއި ގަވާއިދުގަައިވާ ގޮތުން، އެކަމަކީ އަޅުގަނޑު އުފުލަންޖެހޭ ޒިންމާއެއް. އެކަން އަޅުގަނޑު ކުރީ ވަރަށް ރަނގަޅަށް،" ހުޅުމާލޭ ބެންޗު އެކުލަވާލަން ވޯޓު ދެއްވި ދެއްވުން ދިފާއު ކުރައްވައި އޭނާ ވިދާޅުވި އެވެ. ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުންގެ ބެންޗު އެކުލަވާލަން ޖޭއެސްސީން ފާސްކުރީ އެކަމަށް ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގަތް ހަ މެމްބަރުންގެ އިއްތިފާގުންނެވެ. ބެންޗު އެކުލަވާލުމަށް ދިން ވޯޓަކީ ގާސިމްގެ މަސްލަހަތު ފުށުއަރާ ވޯޓަކަށް ވާނަމަ އެމްޑީޕީގެ މެމްބަރުން ކޮމިޓީގައި ތިއްބަވައިގެން، ހުޅުމާލޭ ކޯޓްގެ ބެންޗް އެކުލަވާލި ގޮތް ބެލުމަކީ އެ ބޭފުޅުންގެ މަސްލަހަތު މާބޮޑަށް ތައާރަޒުވާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެކަމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ފުށުއަރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މާއްދާގައި ބުނަނީ މަޖިލީހުގެ މެމްބަރުން އަމަލުކުރާންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދީގެން ކަމަށެމެވެ. އަދި އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ ކަމަށް އެ މާއްދާގައިވެ އެވެ. މިނިވަން މުއައްސަސާ ކޮމިޓީގެ މިއަދުގެ ރިޔާސަތު ބެލެހެއްޓެވި، ނައިބު މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު ގާސިމަށް ރައްދު ދެއްވައި ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހަށް އިމްތިހާބުވެފައި ތިއްބެވީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ނޫން ކަމަށާއި މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ކަމަށެވެ. އެހެންވެ އެކަމުގައި މަސްލަހަތު ފުށުއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.ބެންޗު އެކުލަވާލުމަށް ގާސިމް ވޯޓް ދެއްވުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް ދެންނެވިންތޯ، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ ކޮމިޝަން އެކުލެވިގެންވާ ގޮތުންނާއި ގާނޫނުތައް ހުރި ގޮތުން ޖޭއެސްސީގެ މެމްބަރަކު ވޯޓް ނުދެއްވުމަށް ނުވަތަ މަސްލަހަތު ފުށުއަރާ ކަމަށް ރިޔާސަތަށް އަދި ކޮމިޝަނަކަށް ވެސް ނުދެންނެވޭނެ ކަމަށެވެ. މަސްލަހަތު ފުށުއަރާކަން ކަނޑައަޅުއްވާނީ އެ މެމްބަރެއް ކަމަށް އާދަމް މުހަންމަދު ވިދާޅުވި އެވެ. މިއަދު ހެނދުނު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރު އަދި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ، ގާސިމްގެ މަގާމުގައި އާޒިމާ ހުންނެވި ނަމަ ބެންޗު އެކުލަވާލަން ނެގި ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ޖޭއެސްސީން ޖަވާބުދާރީވުމަށް ދެކޮޅު ހެއްދެވި ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުން ޖަވާބުދާރީވުމަށް އިންކާރެއް ނުކުރައްވަ އެވެ. ނަމަވެސް ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލި މައްސަލަ ކޮމިޓީން ބެލިދާނެ ކަމާ މެދު އެ ކޮމިޝަންގެ ރައީސް ސުވާލު އުފެއްދެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ