އައްޑޫގައި އެން ދިރުވާ އާލާކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

މަސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެން ހޯދުން ކަމަށާއި މި ކަމަށް ހައްލެއް ހޯދުމަށް އައްޑޫ ސިޓީގައި އެން ދިރުވާ އާލާކުރާނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ މެންބަރުންނާ ބައްދަލުކުރުމަށް ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހެއްގެ ރޭ މ. ކުނޫސްގައި ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެންވެރިކަމަށް ކުރިމަތިވެފައިވާ މައްސަލަ އަށް ހައްލެއް ހޯދޭތޯ ވަރަށް ފަހުން ބެންކޮކަށް ދަތުރުކުރެއްވި ކަމަށެވެ. އެ ދަތުރުން އެނގުނު ގޮތުގައި އެކަން ކުރެވެން އަންނަނީ ވަރަށް ބޮޑު ހޭދައެއްކޮށް ބިން ހިއްކައިގެން ކަމަށާއި އެކަން ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ނިންމައިފިން މާތްﷲގެ ވާގިފުޅާ އެކީގައި ރާއްޖޭގެ އެންމެ މަސްވެރިކަން ރަނގަޅު ހިސާބަކީ ދެކުނު ކަމަށް ވާތީ، ދެކުނުގައި، އާދެ. އައްޑު އަތޮޅުގައި އެން ގެންގުޅެވޭނެ ފުރުސަތު، އައްޑޫ ކައުންސިލުން ފުރުސަތު ދެއްވައިފި ނަމަ އަޅުގަނޑުމެންގެ އަމިއްލަ ޑްރެޖަރު ގެންގޮސްގެން ހިއްކައިގެން ނަމަވެސް، ގާތްގަނޑަކަށް ފަނަވަރަކަށް ހެކްޓަރުގެ ބިން ހޯދައިގެން އެ ތަނުގައި މި ދެންނެވި މަސައްކަތް ފަށައިގަންނަން" ގާސިމް ވިދާޅުވި އެވެ.
މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވީ އެކަން ކުރައްވަން ގަސްދުކުރައްވާފައި ވަނީ މަސްވެރިންނަށް އެން ވިއްކާ ގޮތަށް އަދި އެކްސްޕޯޓް ވެސް ކުރެވޭނެ ފެންވަރެއްގައި ކަމަށެވެ.
ރިޔާސީ ކެމްޕެއިންގެ ތެރޭގައި ގާސިމް ގެންދަވަނީ ބޮޑެތި ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. މީގެ ތެރޭގައި ގްރޭޑް އަށަކުން މަތީގެ ކޮންމެ ދަރިވަރަކަށް ލެޕްޓޮޕަކާއި ކޮންމެ ގެއަކަށް ބްރޯޑްބޭޑް އިންޓަނެޓް ދިނުން ހިމެނެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ތަސްދީގުކުރެއްވި ސިޔާސީ ޕާޓީތަކާ ބެހޭ ބިލާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ އެ ބިލް އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ކުދި ޕާޓީތައް އެއްކޮށްލެވޭ ގޮތަށް ޑީއާރުޕީއާ ގުޅިގެން ހުށަހެޅުއްވި އިސްލާހު ފާސްވި ނަމަ އެ ބިލް ފުރިހަމަވީސް ކަމަށެވެ. އަދި އެ ބިލާއި މެންބަރުންގެ އިމްތިޔާޒްގެ ބިލް ތަސްދީގުކުރުމަށް ގޮވާލައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ބައިވެރިވަޑައިގެންނެވީ މަޖިލީހަށް އަނބުރާ ފޮނުވާލާ ބިލެއް އެއްވެސް ބަދަލެއް ނެތި ދެ ވަނަ ފަހަރަށް 39 ވޯޓުން ފާސްކޮށްފި ނަމަ ވީ އެންމެ އަވަހަށް ތަސްދީގުކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނާތީ އެކަން ދިފާއު ކުރެއްވުމަށްޓަކައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ރައީސް އިއްޔެ ދެއްކެވި ވާހަކަތަކަށް ބަލާއިރު އެ ބިލް ތަސްދީގުކުރުން ލަސްކުރައްވާފައި ނުވާކަން އެނގިވަޑައިގެންނެވި ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން އެ ބިލް ތަސްދީގުކޮށްދެއްވީތީ އެ ކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ބިލް ތަސްދީގުކުރައްވަމުން ރައީސް އިއްޔެ ވިދާޅުވެފައި ވަނީ ބިލް ތަސްދީގު ނުކޮށް ލަސްކުރެއްވީ ނޫން ކަމަށާއި ބިލުގައި ހުރި ކުށްތައް ފިލުވައި ބިލް ރައީސް އޮފީހަށް ލިބުނީ ހޯމަދުވަހު ކަމަށެވެ.
ގާސިމްގެ ރޭގެ ވާހަކައިގައި ވެސް ވާދަވެރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. ގާސިމްގެ އިތުރުން އެ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާއި ބައެއް އެހެން އިސް ބޭފުޅުން ވެސް މި ޖަލްސާގައި ވާހަކަ ދެއްކެވި އެވެ. އަދި އަލަށް ގުޅުނު ބައެއް މެންބަރުންގެ ފޯމް ހަވާލުކުރުން ވެސް އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ