ނަޝީދު މިނިވަންކުރަން މައުމޫން އެދިވަޑައެއްނުގެންނެވި!

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރަން ސިޔާސީ އިދިކޮޅު ލީޑަރުން ބޭނުންފުޅުވާނަމަ އެކަމަށް އެދިވަޑައިގަތުމަށް ރައީސް ޔާމީން ދެއްވި ދައުވަތުގެ ބޭނުން ހިތްޕަވާ ރައީސް ނަޝީދު މިނިވަންކުރަން ބޭނުންވާ ކަމަށް ވިދާޅުނުވާނެ ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުން ވަކިވަކިން އާދޭސް ނުކުރިޔަސް، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާފުން އަމަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މުހިންމުކަމެއްކަމާއި ސިޔާސީ ވެރިންނާ ދެކޮޅަށް ދައުވާ ކުރުމާއި އެ ފަރާތްތައް ހައްޔަރުކުރުން ފަދަ ކަންތައްތައް ނުކުރުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ރައީސްއަށް އިލްތިމާސްކޮށް ސިޓީ ފޮނުވާފައި ވާނެ ކަމަށާއި ސިޓީތަކަށް ޖަވާބެއް ލިބިފައި ނެތް އިރު، އިތުރަށް ކަންކަމަށް އެދި ރައީސްގެ އަރިހުގައި "އާދޭސްކޮށް" ސިޓީ ފޮނުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑު ވާނީ މި ހުރިހާ ގާނޫނާ ޚިލާފު، އަދި މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާ ތައާރުޒުވާ އަދި ޑިމޮކޮރެޓިކް ހަމަތަކާ ފުށުއަރާ ނާއިންސާފު އަމަލުތައް ވަގުތުން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. މިކަން އަޅުގަނޑު ފޮނުވާފައިވާ ސިޓީތަކާއި ނެރެފައިވާ ބަޔާންތަކުންނާއި ދައްކާފައިވާ ވާހަކަތަކުން ފެންނާން ހުންނާނެ އެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވިއެވެ.
"ވަކި ބޭފުޅަކު މިނިވަން ކުރުމަށް ނުވަތަ ބަދަލު ހިފުމުގެ ރޫހުގައި ވަކި ބޭފުޅަކާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެއުމަށް އެދި ވަކިފަރާތަކަށް ސިޓީ ލިޔަން ޖެހޭނެ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ." މައުމޫންގެ ބަޔާނުގައިވެ އެވެ.
ރައީސް މައުމޫން ވިދާޅުވީ ކޮންމެ ފަރާތަކުން އެދިވަޑައިގަތަކަސް އެއްވެސް ކަމަކާބެހޭގޮތުން އެ ފަރާތަށް އިތުރު ސިޓީއެއް ފޮނުވަން އަޅުގަނޑު ގަސްތު ނުކުރާ ވާހަކަ ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ