ސްކޫލް ކުދިންނަށް ހުޅުމާލެ ފެރީގައި ހިލޭ ދަތުރު ކުރެވޭނީ އަންނަ މަހު އެކަކުން ފެށިގެން: އެމްޓީސީސީ

ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުމާލެ ފެރީގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް އަންނަ މަހުގެ އެކަކުން ފެށިގެން ހަމަޖައްސާނެ ކަމަށް، ފެރީގެ ހިދުމަތް ދޭ އެމްޓީސީސީ އިން މިއަދު ބުނެފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝިހާމް އަލީ މިއަދު ވިދާޅުވީ ހުޅުމާލޭގައި އުޅޭ ދަރިވަރުންނަށް ފެރީގެ ހިދުމަތް ހިލޭ ދޭނޭ ގޮތްތަކާ މެދު ސަރުކާރާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސްކޫލް ކުދިންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިހާމް ވިދާޅުވި ގޮތުގައި އެ ހިދުމަތް ދޭން ފެށުމުން، ކުންފުނިން ގެއްލޭ އާމްދަނީ ފޫބައްދާނެ ގޮތްތަކަކާ މެދު ސަރުކާރާ އެކު މަޝްވަރާ ކުރާނެ އެވެ. އަދި މިހާރު ވެސް ފެރީގެ ހިދުމަތް ދެނީ ސަބްސިޑައިޒް ކޮށްގެން ކަމަށްވާ އިރު އެކަމުން މާ ބޮޑު މައްސަލަތަކެއް ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އަންނަނީ އެކަން ތައާރަފް ކުރުމަށް ތައްޔާރީތައް ވަމުން. ކުރިއަށް މި އޮތް ހަފުތާއެއްހާ ދުވަހު އަޅުގަނޑުމެން އެކަމުގެ އިދާރީ ކަންކަން ހަމަޖައްސާނީ. މިސާލަކަށް ސްކޫލް ކުދިން ރަޖިސްޓްރީ ކޮށްގެން ހިލޭ ދަތުރު ކުރެވޭ ގޮތް ހަދާނީތޯ ނޫނީ ޔުނީފޯމްގައި ހުންނަ ކޮންމެ ކުއްޖަކަށް ވެސް ދަތުރު ކުރެވޭނެތޯ މިކަހަލަ ކަންކަން ނިންމާނީ. މިބަލަނީ މި ކަންތައްތައް ހަމަޖައްސާފައި އަންނަ މަހުގެ އެކެއްގައި މިކަން ފަށަން،" ޝިހާމް ވިދާޅުވި އެވެ.
ސްކޫލް ކުދިންނަށް ވިލިމާލެ ފެރީން މިހާރު ވެސް ހިލޭ ދަތުރު ކުރެވެ އެވެ. ޝިހާމް ވިދާޅުވީ ހުޅުމާލެ ފެރީގައި އެ އިންތިޒާމް ހަމަ ނުޖެހި އޮތީ އެ ރަށް އާބާދުވީ އިރުވެސް އެ ރަށުގައި ސްކޫލެއް ހުރުމުން އެކަމާ މެދު އެހާ ބޮޑަށް އަޅާނުލެވި އޮތުމުން ކަމަށެވެ. ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ ގިނަ ކުދިން އަދިވެސް އަންނަން ޖެހެނީ މާލެ އަށް ކަމަށް ވުމުން އެއީ ހުޅުމާލޭގައި އުޅޭ ސްކޫލް ދަރިވަރުންނަށް ބޭނުންވެފައި އޮތް ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން އަޅުގަނޑުމެން ވެސް އިމްޕްލިމަންޓް ކުރަން ބޭނުން. މިއީ ހުޅުމާލޭގައި ދިރިއުޅޭ ސްކޫލް ދަރިވަރުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް،" ޝިހާމް ވިދާޅުވި އެވެ.
ހުޅުމާލެ ފެރީން ޓިކެޓެއް ވިއްކަނީ ކޮޅަކަށް، 5.50ރ. އަށެވެ. ހުޅުމާލެ ފެރީގައި ސްކޫލް ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭ ގޮތް ހެދުމަށް ނިންމަވާ އެކަން އެމްޓީސީސީ އަށް އެންގެވީ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވީ ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު އެކަން އެގޮތަށް ހަމަޖެއްސުމަށް ރައީސްގެ އަރިހުގައި އެދިފައިވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ