ދުވަހަކު ނުވާ ވަރަށް ޗައިނާ މާކެޓް ދަށްވެ، ޓޫރިސްޓުން އައި އަދަދު މިދިޔަ މަހު ދަށަށް!
ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަަދަދު މިހާތަނަށް ދަށަށް ނުދާ ވަރަށް މިދިޔަ މަހު ދަށްވެ، އެ މަހު ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު ދަށަށް ހިނގައްޖެ އެވެ.ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އާއްމުކުރި ތަފާސްހިސާބުތަކާއި އެއާއެކު ނެރުނު ބަޔާނެއްގައިވާ ގޮތުން، މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 7.8 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. އެގޮތުން، ޖެނުއަރީ 2014ގައި 105,296 ޓޫރިސްޓުން ރާއްޖެ އަައިސްފައި ވިޔަސް، މިދިޔަ މަހު އެ އަދަދު އުޅެނީ 97,073ގަ އެވެ. އެއީ 8223 މީހުން މަދު އަދަދެކެވެ.އެއީ "ފާހަގަކޮށްލެވޭ ވަރުގެ ވެއްޓުމެއް" ކަމަަށް ޓޫރިޒަމް މިނިސްޓްރީން ވެސް އެއްބަސްވެފައިވާއިރު، ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު ދަށަށް ދާތާ ޖެހިޖެހިގެން ހަތަރު މަސްދުވަސް ވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެންް ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށަށް ދާން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެހެންކަމުން، މިދިޔަ މަހަކީ އެ އަދަދު ދަށަށް ދިޔަ ތިން ވަނަ މަހެވެ.އެއާ އެކު، މިދިޔަ މަހު އޮކިއުޕެންސީ ރޭޓު ވެސް ވަނީ ޖެނުއަރީ 2014 އާ އަޅާބަލާއިރު، 8.5 ޕަސެންޓް ދަށަށް ގޮސް، 73.9 ޕަސެންޓަށް ވެއްޓިފަ އެވެ.ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ޕާފޯމެންސް، މިދިޔަ މަހާއި އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހާ އަޅާކިޔާފައި. ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އަށް އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އަދިވެސް ޗައިނާ އިންނެވެ. އެހެން ނަމަވެސް، އެ ގައުމުން މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ކަމަށްވާ 20،469 އަކީ، އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހު އައި 30،612 މީހުންނަށް ވުރެ 33.1 ޕަސެންޓް ދަަށް އަދަދެކެވެ. "ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ވަނީ ދަށަށް ދާން ފަށާފަ އެވެ. މިދިޔަ މަހު އެ އަދަދު 33.1 ޕަސެންޓް ދަށަށް ގޮސްފައި ވާއިރު، އެއީ ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާތަނަށް އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ. ރާއްޖޭގެ އެއްވަނަ މާކެޓަށް ޗައިނާ ވާތީ، އެ ވެއްޓުމުގެ އަސަރު ޓޫރިސްޓުން އައި ޖުމްލަ އަދަދަށް ކޮށްފައިވެ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.އެއް އަހަރުގެ ޖެނުއަރީ އާއި އަނެއް އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު، ޗައިނާ މާކެޓު ކުރިއަރާފައިވާ ގޮތް ދައްކައިދޭ ޗާޓެއް.ޗައިނާ މާކެޓް ދަށަށް ދިއުމުގެ އަސަރު މުޅި އޭޝިއާ ސަރަހައްދަށް ކޮށްފައިވުމުގެ ފައިދާ ނަގާފައި ވަނީ ޔޫރަޕުންނެވެ. އެގޮތުން، އޭޝިއާ ޕެސިފިކް ސަރަހައްދު ވައްޓާލުމަށް ފަހު، އަނެއްކާ ވެސް ޔޫރަޕް ވަނީ އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ސަރަހައްދަކަށް ވެފަ އެވެ. ހާއްސަކޮށް، އެ ސަރަހައްދުގެ ވަކިވަކި ގައުމުތައް ކަމަށްވާ އިޓަލީ (16.9 ޕަސެންޓް) އާއި އިނގިރޭސިވިލާތް (6.6 ޕަސެންޓް) އަދި ޖަރުމަނު (7.3 ޕަސެންޓް) ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. "މިދިޔަ މަހު ފަސްވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައީ، ރާއްޖޭގެ ޓޫރިޒަމްގައި ހަ ޕަސެންޓް ހިއްސާކުރާ ރަޝިޔާ އިންނެވެ. އެހެން ނަމަވެސް، ޖެނުއަރީ 2015ގައި އެންމެ ބޮޑު ވެއްޓުމެއް އައީ ރަޝިޔާ މާކެޓަށެވެ،" ބަޔާނުގައިވެ އެވެ.ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި، މިދިޔަ މަހު އެކި ސަރަހައްދުތައް ހިއްސާކުރި މިންވަރު ދައްކައިދޭ ޗާޓެއް. މީގެ އިތުރުން، މެދުއިރުމަތީގެ ގައުމުތަކުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހިއްސާކުރާ މިންވަރު، ޖެނުއަރީ 2014އާ އަޅާބަލާއިރު 38.3 ޕަސެންޓުގެ ކުރިއެރުމެއް މިދިޔަ މަހު ހޯދައި ހަތަރު ޕަސެންޓަށް ވަނީ ޖެހިލާފަ އެވެ. އެއާ އެކު، އެމެރިކާ ބައްރު ވައްޓާލުމަށް ފަހު، މެދުއިރުމަތި ވަނީ ރާއްޖެ އަށް ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ސަރަހަައްދަކަށް ވެސް ވެފަ އެވެ. ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު ދަށަށް ގޮސްފައި ވާއިރު، މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ވެސް ވަނީ ލަފާކުރި މިންވަރަށް ވުރެ ދަށަށް ގޮސްފަ އެވެ. އާމްދަނީގެ ގޮތުގައި ޖެނުއަރީ މަހު ލިބޭނެ ކަމަށް އެ އޮތޯރިޓީން ލަފާކުރި މިންވަރަށް ވުރެ 3.8 ޕަސެންޓް ދަށްވީ ޑިސެމްބަރު މަހު އައި ޓޫރިސްޓުންގެ އަދަދު ލަފާކުރި މިންވަރަށް ވުރެ 12.8 ޕަސެންޓް ދަށްވުމާއި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީގެ މިންވަރު 13 ޕަސެންޓް ދަށްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ