ރުޖޫއަކުރުމަށް ފަހު ރަޖިސްޓްރީ ނުކުރި ކައިވެންޏެއް ކޯޓުން ބާތިލްކޮށްފި

ދެ މީހުން އަމިއްލަ އަށް ކައިވެނި ރުޖޫއަކުރުމަށް ފަހު، އެކަން ކޯޓުގައި ރަޖިސްޓްރީ ނުކުރުމުން އެ ކައިވެންޏަކީ ބާތިލު ކާވެންޏެއް ކަމަށް ހައިކޯޓުން އިއްޔެ ނިންމައިފި އެވެ.
ހައި ކޯޓުން މި ގޮތަށް ހުކުމްކުރީ، މ. ނާލާފުށީ ބިއުޓީ ފްލާވާ، އާމިނަތު ފާއިޒާ އާއި އއ. މަތިވެރި، ނަދުވާ، އިސްމާއީލް އާތިފް ވަރިވުމަށް ފަހު އަމިއްލަ އަށް ކާވެނި ރުޖޫއަކޮށްފައި ވަނިކޮށް، ފާއިޒާ އެހެން މީހަކާ އިނދެ ދަރިއަކު ވެސް ލިބުނު ފަހުން، އެ ކައިވެނި ބާތިލުކަމަށާއި ރުޖޫއަކުރި ކާވެންޏަކީ ސައްހަ ކާވެންޏެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އާތިފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ނިންމަމުންނެވެ. މި މައްސަލަ ނާލާފުށީ ކޯޓުން ވެސް ނިންމާފައި އޮތީ އިސްމާއީލް އާތިފް އަމިއްލަ އަށް ރުޖޫއަކުރުރި ކުރުމަކީ ސައްހަ ރުޖޫއެއް ނޫން ކަމަށާއި، ފާއިޒާ ފަހުން ކުރި ކާވެނި ބާތިލުކުރާނެ ހަމައެއް ނެތް ކަމަށެވެ. ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ނާލާފުށީ ކޯޓުގެ އެ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.
ފާއިޒާގެ މައްޗަށް އޭނާގެ ކުރީގެ ފިރިމީހާ އާތިފް ކުރި ދައުވާގައިވާ ގޮތުން މާޗު 10، 2010ގައި ދެ މީހުން ކައިވެނި ކޮށްގެން އުޅުމަށް ފަހު ޖެހުނު މައްސަލަތަކެއްގައި މާޗު 20، 2010ގައި އާތިފް ވަނީ ފާއިޒާ ވަރިކޮށްފަ އެވެ. އެ ދައުވާގައި އާތިފް ބުނެފައިވަނީ ފެމެލީ ކޯޓުގައި ވަރި ސާބިތުކުރިތާ ތިން ދުވަސް ފަހުން ދެ މީހުން އަމިއްލަ އަށް ކައިވެނި ރުޖޫއަކޮށް އެއްދާންކުރުމަށް ފަހު ފާއިޒާ އެނބުރި އޭނާގެ އަމިއްލަ ރަށަށް ގޮސް އެހެން މީހަކާ ކައިވެނިކޮށްފައިވާ ކަމަށެވެ.
އާތިފްގެ ދައުވާގައި އެދިފައި ވަނީ ފާއިޒާ އެހެން މީހަކާ ކުރި ކައިވެނި ބާތިލުކުރުމުގެ އަމުރެއް ނެރެދިނުމަށާއި އަދި އޭނާ އާއި ފާއިޒާ އަމިއްލަ އަށް ކައިވެނި ރުޖޫއަކޮށްފައިވާ ކުރުން އެއީ ސައްހަ ރުޖޫއެއް ކަމުގައި ކަނޑަޅައިދިނުމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ޝަރުއީ އަދި ގާނޫނީ ހަމަކަތާ ހިލާފު ކަމަށް ބުނެ އިސްތިއުނާފުކުރުމުން ހައި ކޯޓުން މައްސަލަ ބެއްލުމަށް ފަހު ކުރި ހުކުމުގައި ބުނެފައި ވަނީ އިއްދައިގެ މުއްދަތުގައި ދެ މީހުން ރުހި އެއްދާންކޮށްފައިވަނީ ކައިވެނި ރުޖޫއަކުރުމުގެ ބޭނުމުގައި ކަމަށް މެޖިސްޓްރޭޓް ކޯޓުގައި ދެ މީހުން އެއްބަސްވި ނަމަވެސް އެ މުއްދަތުގައި ކައިވެނި ރަޖިސްޓްރީކުރުމަށް ދެ މީހުންގެ ފަރާތުން ވެސް ހުށަހަޅާފައިނުވާކަން ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި ވަރިކުރިތާ ހަތަރު މަސް ފަހުން އެހެން މީހަކާ ފާއިޒާ ކައިވެނިކުރީ ރުޖޫއަކުރުން ރަޖިސްޓްރީކުރުމަށް އާތިފްގެ ކިބައިން އެދުމުން ވެސް އެކަން ނުކުރުމުން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި މިހާރު ފާއިޒާ އެހެން މީހަކާ ކައިވެނިކޮށް އެ ކައިވެންޏަށް ދަރިއަކު ވެސް އެބަހުރިކަން ހުކުމުގައި ފާހަގަކޮށްފައި ވެ އެވެ.
"މި ހާލަތުގައި އައިމިނަތު ފާއިޒާގެ ފަހުގެ ކައިވެނި ރޫޅާލައި ކުރީގެ ކައިވެނި އިސްމާއިލް އާތިފް މިހާރު ބުނާ ބުނުމެއްގެ މައްޗަށް ރުޖޫއަކޮށްދީފި ނަމަ، މި ކަމުގައި އާއިލީ އަދި އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ނިކުމގެން ހިނގައިދާނެ،" ހުކުމުގައި ވެ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ކައިވެނި ރުޖޫއަކުރުމާ ބެހޭ ގޮތުން ދަންނަ ބޭކަނލުންގެ ރައުޔުތަކާއި އިސްލާމް ދީނުގައި އެކަމާ ބެހޭ ގޮތުން އޮންނަ އުސޫލްތަކަށް ރިޔާއަތްކޮށްފައި ވެ އެވެ. އެ ގޮތުން ކައިވެނި ރުޖޫއުކުރުމުގެ ދެ ގޮތެއް އޮތް ކަމާއި އެއީ އަނގަބަހުން ރުޖޫއަކުރުމާއި އަމަލުން ރުޖޫއަކުރުން ކަމުގައި ފާހަގަކޮށްފައި ވެ އެވެ. މި ދެ ހާލަތުގައި ވެސް ރުޖޫއަކުރި ކުރުން އިއްދައިގެ މުއްދަތުގައި ހެކިކުރަންޖެހޭނެ ކަމަށް އައިސްފައިވާ ދަންނަ ބޭކަނލުންގެ ރައުޔުތަކަށް ފަނޑިޔާރުން ބުރަވެވަޑައިގެންފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ