މަސްތުވާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު 3 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފި

މަސްތުވާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު 3 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.ފުލުހުން ބުނީ ސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި މަސްތުވާ ތަކެއްޗާއި އެކު ހައްޔަރު ކޮށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ހއ.ހޯރަފުށި، ނޫވިލް، އަޙްމަދު ފައިރިޝް (31އ) ގެ މައްޗަށް ކަމަށެވެވެ.2014 ފެބްރުއަރީ 24 ވަނަދުވަހު ކްރިމިނަލް ކޯޓުން އަޙްމަދު ފައިރިޝްގެ މައްޗަށް 3 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ 2009 އޮކްޓޫބަރ 19 ވަނަދުވަހުގެ 04:20 ހާއިރު މާލެ މަގުމަތީގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އަޙްމަދު ފައިރިޝް މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުޙުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިންކޮޅެއް ފެނިފައިވާ މައްސަލަ އާއި ގުޅިގެންނެވެ.މި މައްސަލާގައި ކްރިމިނަލް ކޯޓުންކޮށްފައިވާ ޙުކުމުގައި ބަޔާންކޮށްފައިވަނީ އަޙްމަދު ފައރިޝް އަތުން ފެނުނު މަސްތުވާތަކެތީގެ ތަޙުލީލި ރިޕޯޓުން އޭގައި 0.2223 ގްރާމް ޓެޓްރާހައިޑުރޯނެނަބިނޯލް އާއި 0.0355 ގްރާމް ކެނަބިނޯލް ހުރިކަން ދައްކާތީއާއި، އަޙްމަދު ފައިރިޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ކުޑަކަމުދާ އެއްޗިހި ނަގައި ތަޙުލީލުކުރިއިރު ކެނެބިސް އަށް ޕޮޒިޓިވްވެފައިވާތީ އާއި އަޙްމަދު ފައިރިޝްގެ އަމިއްލަ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުށް އަޙްމަދު ފައިރިޝް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް ޤާނޫނު ނަމްބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) ގެ ދަށުން ހއ.ހޯރަފުށި، ނޫވިލް، އަޙްމަދު ފައިރިޝް 03 (ތިނެއް) އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމްކުރީކަމަށެވެ.މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2010 ޖެނުއަރީ 07 ވަނަދުވަހުއެވެ.އަޙްމަދު ފައިރިޝް އަކީ މީގެކުރިންވެސް ވައްކަމާއި ފޭރުން އަދި މަސްތުވާ ތަކެތީގެ ގިނަ މައްސަލަތަކުގެ ރެކޯޑް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮންނަ މީހެއް ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ