ހޯމް މިނިސްޓަރު އަފީފަށް ރުހުން ނުދޭން ޑީއާރުޕީ މެމްބަރުން މަސައްކަތް ކުރާނަން: އަލީ ވަހީދު

ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގައި މި ވަގުތު ހުންނެވި ހަމައެކަނި މެމްބަރު ހަސަން އަފީފަށް ރައްޔިތުންގެ މަޖިލީހުގައި ރުހުން ނުދޭން ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތް ކުރާނެ ކަމަށް ޑިޕިއުޓީ ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ތުލުސްދު އާއި ފުނަދޫގައި ތިބި ރައްޔިތުން އަދި ޕާޓީ މެމްބަރުންނަށް ޔަގީންކަން އަރުވަން ޑީއާރުޕީ ޕާލިމެންޓްރީ ގުރޫޕުން ހަސަން އަފީފަށް ރުހުން ނުދޭން މި [ކ. އަތޮޅާއި ށ. އަތޮޅުގެ] މައްސަލާގައި އުޅުނު މެމްބަރުން މަސައްކަތް ކުރާނެކަން. އަދި މި ދަންނަވަނީ މިގޮތަށް ޕާލިމެންޓްރީ ގްރޫޕުން ނިންމި ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުމެން އިސްވެ އަފީފަށް ރުހުން ނުދޭން މަސައްކަތް ކުރާނަން،" ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ހޯމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރަކަށް ފަހު ވަގުތު ސަރަނގު އާދަމް މަނިކު އިންތިހާބުކުރި ގޮތަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސަކަށް ސަރުކާރުގެ މެޖޯރިޓީން ހަސަން އަފީފު އައްޔަންކުރައްވާނެ ކަމަށް ވަރަށް ބޮޑަށް އެ ޕާޓީ އަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް ހަސަން އަފީފަކީ އެ މަގާމަށް ކުފޫ ހަމަނުވާ "ލޯކަލް ގަވަނަންސްއާ ބެހޭ އުރަތްޕެއް ވެސް ދަންނަ މީހެއް" ނޫން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"ފަރުދީގޮތުން ރާއްޖޭގެ ރައްޔިތުންގެ ވިންދާ ކުޅެ ޑިމޮކްރަސީ އަށް ހުރަސްއަޅާ ފަރުދުންނާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާލަން،" އަލީ ވަހީދު ވިދާޅުވި އެވެ.
ކ. އަތޮޅާއި ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގުން ކުރިން ވެސް ވެރިކަން ކުރަމުން އަންނަ އެ އަތޮޅު ތުލުސްދު އާއި ފުނަދު އަށް ކައުންސިލުން ބަދަލުކުރުމާ ގުޅިގެން ފުލުހުން އެ ދެ ރަށަށް ފޮނުވައި ހޯމް މިނިސްޓަރު ހިންގި ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ އަމަލުތައް އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.
ޑީއާރުޕީން ބުނީ ފުލުހުން އަމަލުކޮށްފައި ވަނީ ރައްޔިތުންގެ މަސްލަހަތާއި އަމާންކަމަށް ބެލުމެއް ނެތި ހޯމް މިނިސްޓަރު ހަސަން އަފީފުގެ އެންގެވުމުގެ މަތިން ކަމަށެވެ. އެ ދެ އަތޮޅުގެ ކައުންސިލް އިދާރާގެ ތަޅުދަނޑި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ކުރި މަސައްކަތުގައި ތުލުސްދޫގައި ހަމަނުޖެހުން ހިނގައި އާއްމުންނާ ފުލުހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ