ޑީއާރުޕީގެ ލޯގޯ އަދިވެސް ބޭނުންކުރާނަން: އުމަރު

ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން އެ ޕާޓީގެ ލޯގޯ ބޭނުންކުރާތީ ޑީއާރުޕީ އޮފީހުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ޑީއާރުޕީގެ ލޯގޯ އަދިވެސް ބޭނުން ކުރައްވާނެ ކަމަށް ޕާޓީން ވަކިކޮށްފައިވާ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ލީޑަޝިޕާއި ސެކްރެޓޭރިއޭޓަށް ނޭނގި ބައެއް މީޑިއާތަކުގައި ޕްރޮގްރާމްތައް ގަތުމުގެ އިތުރަށް ލޯގޯ ބޭނުންކުރާ މައްސަލަ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވައިފަ އެވެ.
އުމަރުގެ ވޭލް ސަބްމެރިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މައުމޫން ފެކްޝަންގައި ވެސް ތިބީ ޑީއާރުޕީ މެމްބަރުން ކަމަށާއި އެހެންކަމުން ޑީއާރުޕީގެ ލޯގޯ ބޭނުން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީގެ ގޮފިތަކުގަ އާއި މެމްބަރުންގެ ގޭގައި ވެސް ޕާޓީގެ ލޯގޯ ބޭނުންކުރޭ. އެހެންވީމަ އަދިވެސް ބޭނުންކުރަމުން ގެންދާނަން. ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ލޯގޯ ބޭނުންކުރުމުގެ އިހްތިޔާރު ލިބިގެންވޭ،" ޑީއާރުޕީގެ ލޯގޯ ހަރުކޮށްފައި ހުރި އޮފީހުގައި އިންނަވައި އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޮޑިޓް ރިޕޯޓް އިލެކްޝަނަށް ހުށަހެޅުމަށް ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި މައުމޫން ފެކްޝަނުން ޕާޓީގެ ނަމުގައި ހަރަދުކޮށް ބިލްތައް ފޮނުވާ ކަމަށް އެ ބައްދަލުވުމުގައި މެމްބަރުން ވާހަކަ ދައްކަވާފައި ވީ ނަމަވެސް މައުމޫން ފެކްޝަނުން ފައިސާ ނުދައްކާ އޮތް ބިލެއް ޕާޓީ އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރާ ހަރަދުތަކުގެ ބިލްތައް ޕާޓީ އޮފީހަށް ފޮނުވަން. ފޮނުވަން ވެސް ޖެހޭނެ. އެކަމަކު އަޅުގަނޑުމެން ހިންގި އިވެންޓެއްގެ ފައިސާ ނުދައްކާ އޮތް އެއްވެސް ބިލެއް ޕާޓީ އޮފީހަކަށް ފޮނުވާފައެއް ނޯންނާނެ،" ޑީއާރުޕީގެ ލީޑަރު ތަސްމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އުމަރު ނަސީރު ވިދާޅުވި އެވެ.
މައުމޫން ފެކްޝަންގެ ކައުންސިލް މެމްބަރުން ހާޒިރުވެވަޑައިނުގަތް ބައްދަލުވުމުގައި ޕާޓީގެ އޮޑިޓް ރިޕޯޓާ ބެހޭގޮތުން ވާހަކަދައްކަވާފައި ވީ ނަމަވެސް އޮޑިޓް ރިޕޯޓާ ދޭތެރޭ އެ ފެކްޝަނުގެ މެމްބަރުން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން ކައުންސިލްގެ މެމްބަރުންނަށް ދެ ކަމެއް ފާހަގަކުރެއްވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކަށް ޑީއާރުޕީން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ކަމަށް ހުކުމްކޮށްފައިވާ ފަސް ލައްކަ ރުފިޔާގެ ވާހަކައެއް ނެތް. އަދި ބިލްތަކުގެ މައުލޫމާތު ފުރިހަމަކޮށް، އޮޑިޓް ފާމަކަށް ދީފައެއް ނުވޭ،" އުމަރު ވިދާޅުވި އެވެ. "އެހެންވީމަ މި ދަންނަވަނީ އޮޑިޓް ރިޕޯޓް ތައްޔާރުކޮށްފައި އެންމެ އެކަށީގެންވާ ގޮތަކަށެއް ނޫނޭ. މިއީ އަޅުގަނޑުމެންގެ ޝަކުވާއަކީ. ކަންކަން ނީސްތައްޓަށް އެރީމަ ދުއްވައިގަތުން."
ޑީއާރުޕީން ހަރަދުކޮށްފައިވާ ބިލްތަކުގެ މައުލޫމާތާއި އެކަށީގެންވާ ވަގުތު އޮޑިޓް ފާމަށް ދީފައި ނުވާކަން އެ ފާމުން ވެސް ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި މިއަދުގެ ނިޔަލަށް ޕާޓީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނެކަން ޕާޓީގެ ސެކްރެޓަރީ ޖެނެރަލާއި އެހެން ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާއިރު، އެކަމަށް ކުރިއާލައި ތައްޔާރުވާން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ